"ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
ސޯލާ ލައިޓު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެތަކެތި ހަވާލުކުރެއްވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އަމާޒު ހިފާފައި ވަނީ ސާފު ހަކަތަ އާއި ދެމެހެއްޓެނިވި ޖަޒީރާ ތަަރައްގީއަށެވެ.
ޗައިނާ ސަފީރު، މިދިޔަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާތީ ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެންމެ އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުން ކަމަށާއި އެހެންވެ، ސޯލާ ނުވަތަ އަވިން ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިފަހުން ވަނީ 15 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ގާއިމުކުރުމަށް ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ވެސް ހަވާލުކޮށްފަ އެވެ.
އޭގެ ސަބަބުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް އެންވާރަމަންޓް މިނިސްޓްރީން ވެސް ބުނެފައިވެ އެވެ.