އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބަހުސަކަށް އަރައިފި ނަމަ، މޯދީގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާނެ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ އިދިކޮޅު ލީޑަރު ރާހުލް މިހެން ވިދާޅުވީ، އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދެވި "އާސްކް މީ" ސެޝަނެއްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި ސެޝަނުގައި އޭނާ ވަނީ މޯދީއާ އެކު ސީދާ ބަހުސަކަށް ވަޑައިގަތުމަށް ކުރިން ވެސް ދެއްވާފައިވާ ދައުވަތު އަލުން ތަކުރާރު ކުރައްވައިފަ އެވެ.
ރާހުލް ވިދާޅުވި ގޮތުގައި، ދެ ބޭފުޅުންގެ މެދުގައި ސީދާ ބަހުސެއް ބާއްވައިފި ނަމަ މޯދީއަށް ބޮޑުވަޒީރުކަމުގައި ދެން ނުހުންނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. އަދި އެފަދަ ބަހުސެއްގެ ސަބަބުން ގައުމަށް ހަގީގަތުގައި ހިޔާނާތްތެރިވަނީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިގު ތަގުރީރުތައް ދޭ އާއްމު ބަހުސްތަކުގެ ބަދަލުގައި ރާހުލް ހުށަހެޅުއްވީ އެއް މޭޒެއްގެ ދޮށުގައި ތިއްބަވައިގެން، އެކަކު އަނެކަކަށް ކުރާ ތުހުމަތުތަކަށް ސީދާ ޖަވާބުދޭ ގޮތަށް ބަހުސް ކުރިއަށް ގެންދިއުމަށެވެ. އަދި އެ ބަހުސްގެ ފަނޑިޔާރުންގެ ގޮތުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީ ނުވަތަ އާރްއެސްއެސްގެ ވެރިޔާ މޯހަން ބަގަވަތު ހަމަޖެއްސިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ރާހުލް ވިދާޅުވި އެވެ.
މީގެ އިތުރުން، ބޭރުގެ ބާރުތަކުން ބޮޑުވަޒީރު މޯދީ ކޮންޓްރޯލް ކުރާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކުގެ ހެކި ކޮބައިތޯ މީހަކު ސުވާލު ކުރުމުން، ރާހުލް ވަނީ އޭނާގެ ފޯނު ދައްކަވައިފަ އެވެ. އަދި ހުރިހާ ހެއްކެއް ހުރީ އެ ފޯނުގައި ކަމަށާއި، ބޮޑުވަޒީރު އޭނާގެ ފޯނު ޓެޕް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ޕާލަމެންޓުން ބޭރުގައި އާއްމު ބަހުސަކަށް ގޮވާލައްވާ ސަބަބު ސާފުކޮށްދެއްވަމުން ރާހުލް ވިދާޅުވީ، ޕާލަމެންޓް ތެރޭގައި މިނިވަންކަމާ އެކު ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުލިބޭ ކަމަށެވެ. ދަނޑުވެރިންގެ ބިލުތަކާއި، ވޯޓު އޮޅުވާލުމުގެ މައްސަލަތަކާއި، ޗައިނާގެ މައްސަލަތައް ފަދަ ކަންކަމުގައި ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު އޭނާގެ މައިކް ނިއްވާލާ ކަމަށް ރާހުލް ތުހުމަތު ކުރެއްވި އެވެ.
ރާހުލް މިހެން ވިދާޅުވެފައި މިވަނީ، މޯދީ އޭނާއަށް "އިންޓެލެކްޗުއަލް ނަކްސަލް" އެއްގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ވެރިކަން ކުރާ ބީޖޭޕީން ބުނަމުން އަންނަނީ ދެ ބޭފުޅުންގެ މެދުގައި އެއްވެސް ބަހުސެއް ކުރާ ނަމަ އެކަން އޮންނަން ޖެހޭނީ ޕާލަމެންޓުގެ ތަޅުމުގައި ކަމަށެވެ.