އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިސް މީހަކު އިންތިހާބަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން، ނަތަންޔާހޫއަށް ސަރުކާރުގެ ވެރިޔާގެ ގޮތުގައި "އިތުރަށް އެންމެ މިނެޓަކު ވެސް ނުހުރެވޭނެ" ކަމަށް ބޮޑުވަޒީރުކަމަށް ވާދަކުރާ އިދިކޮޅު ލީޑަރު ގަދީ އައިޒެންކޮޓް އިއްޔެ ބުނެފި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން ދެ ލީޑަރުންގެ މަންދޫބުން މަޝްވަރާކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"މަގާމުން ވަކިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ އަރިސް މީހުންގެ އަމަލުތަކަކީ އިޒްރޭލުގެ ޑިމޮކްރަސީއަށް އޮތް ސީދާ އަދި ވަގުތީ ނުރައްކަލެއް،" އައިޒެންކޮޓް ބުންޏެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންތިހާބުގެ ކުރީ ރޭ ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިދޯ ނޯޑެން ވަނީ ޕޮލިސް ކޮމިޝަނަރުގެ އޮފީހަށް ގުޅައި، އަރަބި-އިޒްރޭލު ޕާޓީއެއް ކަމަށްވާ ރާމް ޕާޓީގެ މެމްބަރުންތަކެއްގެ ޝަކުވާކޮށްފަ އެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި، ނަތަންޔާހޫގެ އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ އިންޓެލިޖެންސް މަސްދަރަކާ ފުލުހުން ގުޅުވައިދިން ކަމަށް ވެސް އެ ޗެނަލުން ބުނެފައިވެ އެވެ.

އެ މަސްދަރުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާމް ޕާޓީގެ ތިން މެމްބަރަކު ހައްޔަރުކުރި އެވެ. އަދި އަރަބި-އިޒްރޭލު ޕާޓީތަކުން ރެކޯޑު އަދަދަކަށް ގޮނޑި ކާމިޔާބު ކުރުމާ އެކު، ނަތަންޔާހޫ ވަނީ އެ ޕާޓީތަކުން އިންތިހާބުގައި މަކަރު ހެދި ކަމަށް ތުހުމަތުކޮށް ބަހުގެ ހަމަލާތައް ދޭން ފަށައިފަ އެވެ. ނަމަވެސް، އެ މަސްދަރުން ދިން މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ފުލުހުންނަށް ކަށަވަރުވުމާ އެކު، ހައްޔަރުކުރި ތިން މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

"މި މައްސަލައިގެ ތަހުގީގެއް ވަގުތުން ފެށުމަށް އަޅުގަނޑު ގޮވާލަން،" އައިޒެންކޮޓްގެ ޕާޓީން ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވެ އެވެ.

މި ރިޕޯޓުތަކަށް ރައްދު ދެމުން ނަތަންޔާހޫގެ އޮފީހުން ބުނީ ޗެނަލް 12 ގެ ރިޕޯޓަކީ "ދޮގެއް" ކަމަށާއި ނޯޑެން އަދާކުރީ "މަދަނީ ވާޖިބެއް" ކަމަށެވެ. އަދި ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ އައިޒެންކޮޓް އުފައްދަނީ "ބޮޑުވެގެންވާ ފިތުނައެއް" ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.

"އެއްބައިވަންތަކަމުގެ ރޫހުގައި ބޮޑުވަޒީރު އަތް ދިއްކުރަމުން ގެންދާ އިރު، އައިޒެންކޮޓާއި އޭނާގެ ބައިވެރިން ކޮންމެ ދުވަހަކު ވެސް ނެރެމުން ދަނީ ވިހަގަދަ، ހަމަނުޖެހުމަށް ހިތްވަރުދޭ ބަޔާންތައް،" ލިކޫޑް ޕާޓީގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ނަތަންޔާހޫ މަސައްކަތްކުރަނީ ވެރިކަމުގައި ދެމިހުންނަށް އަރަބި ޕާޓީތަކާއި އިންތިހާބުގެ ސައްހަކަން ގެއްލުވާލުމަށެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި ނަތަންޔާހޫގެ ކޯލިޝަނަށް ވެސް އަދި އައިޒެންކޮޓްގެ އިދިކޮޅު އިއްތިހާދަށް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އަރަބި މައި ދެ ޕާޓީ ކަމަށްވާ ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން އައިޒެންކޮޓަށް ތާއީދުކުރާ ކަމުގެ އިޝާރާތް ދިނުމާ އެކު، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު މިދިޔަ ހަފުތާގައި ވަނީ އައިޒެންކޮޓާ ހަވާލުކޮށްފަ އެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ބައިވެރިވުމަށް ނަތަންޔާހޫ މިދިޔަ ހޮނިހިރު ދުވަހު އައިޒެންކޮޓަށް ދައުވަތު ދިން ނަމަވެސް، އައިޒެންކޮޓް ވަނީ ނަތަންޔާހޫ ކުޅެނީ "މަކަރުވެރި ކުޅިގަނޑެއް" ކަމަށާއި އުޅެނީ ނުތަނަވަސްކަން އުފައްދަން ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ