އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް (ނެސެޓް) ގެ އާ ރައީސަކަށް އިދިކޮޅު މެންބަރަކު އިންތިހާބުކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ބާރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައިފި އެވެ.

އަންގާރަ ދުވަހު ނެސެޓްގައި ނެގި ވޯޓުގައި މަޖިލީހުގެ 26 ވަނަ ރައީސްގެ މަގާމަށް އިންތިހާބުކުރީ އިދިކޮޅު ޔަޝާރު ޕާޓީގެ މެންބަރު މަތަން ކަހާނާ އެވެ. އޭނާ އެ މަގާމަށް ގެނައީ ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ނިސްބަތްވާ އަމީރު އޮހާނާގެ ބަދަލުގަ އެވެ.

ނެސެޓްގެ ތަރުޖަމާނު ބުނި ގޮތުގައި 120 މެންބަރުން ހިމެނޭ މަޖިލީހުގެ ތެރެއިން ކަހާނާއަށް ވަނީ 66 ވޯޓު ލިބިފަ އެވެ. ލިކޫޑް ޕާޓީގެ ފަރާތުން ވާދަކުރި އޮފީރު ކަޓްޒްއަށް ލިބުނީ 52 ވޯޓެވެ. މި ވޯޓުގައި އަރަބި ދެ ޕާޓީއެއްގެ މެންބަރުން ވެސް ކަހާނާއަށް ތާއީދުކޮށްފައި ވާއިރު، އަރަބި އެއް މެންބަރަކު ޖަލްސާއަށް ހާޒިރެއް ނުވެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނަތަންޔާހޫގެ ކޯލިޝަނަށް ލިބުނީ 53 ގޮނޑި އެވެ. އިދިކޮޅު ފަރާތްތަކުން ޖުމްލަ 67 ގޮނޑި ކާމިޔާބުކުރި އިރު، އޭގެ ތެރޭގައި ޔަހޫދީ ހަތަރު ޕާޓީއެއްގެ 48 ގޮނޑި އާއި އަރަބި ދެ ޕާޓީއެއްގެ 19 ގޮނޑި ހިމެނެ އެވެ.

މަޖިލީހުގެ ރައީސްކަން އިދިކޮޅަށް ލިބުމާ އެކު، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ބިލުތަކަށް ވޯޓަށް އެހުން ތާވަލުކުރުމުގެ ފުރިހަމަ ބާރު އިދިކޮޅު ކޯލިޝަނަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، ވަގުތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މާލިއްޔަތު ކޮމިޓީ އާއި ދިފާއީ ކޮމިޓީ ފަދަ މުހިންމު ކޮމިޓީތަކުގެ ވަގުތީ މުގައްރިރުން ވެސް އިދިކޮޅުން ވަނީ އައްޔަންކޮށްފަ އެވެ. އިދިކޮޅު އިއްތިހާދުގެ އެންމެ ބޮޑު އެއް އަމާޒަކީ ނަތަންޔާހޫގެ ސަރުކާރުން ޖުޑީޝަރީ ދާއިރާއަށް ގެނައި ބަދަލުތައް އުވާލުމެވެ.

އިޒްރޭލުގެ ރައީސް އައިޒެކް ހާޒޮގް ވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރު ގާޑީ އައިސެންކޮޓަށް މި މަހުގެ ކުރީކޮޅު ދީފަ އެވެ. އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރެއް އެކުލަވާލުމުގެ މުހުލަތު އޭނާއަށް ލިބިފައި ވާއިރު، އިތުރު ދެ ހަފުތާގެ މުއްދަތެއް އިތުރުކުރުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ. އާ ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ނަތަންޔާހޫ ދެމިހުންނާނެ އެވެ.