ޓިއުނީޝިއާގައި ޕާކުކޮށްފައި އޮންނަތާ 35 އަހަރު ވެފައިވާ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ހާއްސަ ވީއައިޕީ ބޯއިން 747އެސްޕީ މަރުކާގެ މަތިންދާބޯޓު 900،000 ޑޮލަރަށް ވިއްކާލަން އިރާގީ އެއާވޭސް އިން އިއުލާންކޮށްފި އެވެ.

"ގާދިސިއްޔާ" ގެ ނަން ދީފައިވާ، 1982 ވަނަ އަހަރު އުފައްދާފައިވާ މި މަތިންދާބޯޓަކީ ސައްދާމް ހުސައިން ދަތުރުކުރެއްވުމަށް ހާއްސަ "އުދުހޭ ގަނޑުވަރެއް" ގެ ގޮތުގައި ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ބޯޓުގައި ނިދާ ޕްރައިވެޓް ކޮޓަރިއަކާއި، ކޮންފަރެންސް ރޫމެއްގެ އިތުރުން ޝާހީ ފެންވަރުގެ ލައުންޖެއް ވެސް ހުރެ އެވެ.

މި ޖެޓުގެ އިތުރުން، 1982 ވަނަ އަހަރު އުފައްދާފައިވާ، ފަސިންޖަރުން އުފުލާ ބޯއިން 747-200 މަރުކާގެ އިތުރު ބޯޓެއް ވެސް 900،000 ޑޮލަރަށް ވިއްކާލަން އެ އެއާލައިނުގައިވެ އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ބޭނުންކުރެއްވި ޖެޓްގެ އެތެރޭގައި މީހަކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ކޯންވޯލްލައިވް
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ބޭނުންކުރެއްވި ޖެޓްގެ އެތެރޭގައި މީހަކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ކޯންވޯލްލައިވް

މި ދެ ބޯޓު ޓިއުނީޝިއާގެ ތައުޒަރު-ނަފްތާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިޔައީ 1991 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ގަލްފް ހަނގުރާމައިގެ ކުރިން އެމެރިކާ އިސްވެ އޮވެ ދިން ވައިގެ ހަމަލާތަކުން ބޯޓުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އޭގެ ފަހުން އދ. އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި، ގާނޫނީ މައްސަލަތަކާ ހެދި މި ބޯޓުތައް އަނބުރާ އިރާގަށް ނުގެންދެވުނީ އެވެ.

މީގެ ކުރިން 2010 އަދި 2023 ވަނަ އަހަރު ވެސް ކޮންމެ ބޯޓެއް 494،000 ޑޮލަރަށް ވިއްކާލަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާއިރު، މި ބޯޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި އިރާގީ އެއާވޭސް އިން އާ އިއުލާނެއް ނެރުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ އެއާލައިނުން ބުނި ގޮތުގައި، ބޯޓުތައް ގަތުމަށް ހުށަހަޅާ ބިޑުތައް ދިރާސާކުރުމަށް ހާއްސަ ކޮމިޓީއަކުން އަންނަ މަހުގެ 21 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 5 ގެ ނިޔަލަށް ޓިއުނީޝިއާގައި ހުންނަ އިރާގު އެމްބަސީގައި ބައްދަލުވުންތައް ބާއްވާނެ އެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ބޭނުންކުރެއްވި ޖެޓްގެ އެތެރެ. -- ފޮޓޯ: ކޯންވޯލްލައިވް
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ބޭނުންކުރެއްވި ޖެޓްގެ އެތެރެ. -- ފޮޓޯ: ކޯންވޯލްލައިވް

ބޯޓު ގަންނަން ހުށަހަޅާ ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ކޮންމެ ބޯޓަކަށް 20 ޕަސެންޓް (180،000 ޑޮލަރު) ދައްކަން ޖެހޭނެ އެވެ. އަދި ބިޑު ކާމިޔާބުކުރާތާ ފަސް ދުވަހުގެ ތެރޭގައި ބާކީ ފައިސާ އާއި ދެ ޕަސެންޓްގެ ސާވިސް ފީ ދައްކަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ސަހަރާގެ މާހައުލުގައި ބާއްވާފައި އޮތުމުގެ ސަބަބުން މި ބޯޓުތައް ވިއްކާލަނީ މިހާރު ހުރި ހާލަތަށެވެ. އެހެންކަމުން، ބޯޓުތަކަށް އަލުން އުދުހެވޭނެ ކަމުގެ އެއްވެސް ޓެކްނިކަލް ގެރެންޓީއެއް އިރާގީ އެއާވޭސް އަކުން ނުދެ އެވެ. އަދި ބޯޓުތައް ހަވާލުކުރުމަށް ފަހު، ކަސްޓަމްސް އާއި ޓެކްސްގެ ހަރަދުތަކާއި، ޕާކިން ފީގެ އިތުރުން ޓިއުނީޝިއާ އިން ބޯޓުތައް ބޭރުކުރުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ގަންނަ ފަރާތުންނެވެ.