އިންޑިއާގެ މަޝްހޫރު ފެން ކުންފުންޏަކުން ވިއްކާ ފެނުގެ ސާމްޕަލެއްގައި ނުރައްކާތެރި މާއްދާތަކެއް ހުރިކަން ފާހަގަވުމާ ގުޅިގެން، ފުޅީގައި ބަންދުކޮށްގެން އެ ގައުމުގައި ވިއްކާ ހުރިހާ ފެނެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ (އެފްއެސްއެސްއޭއައި) ގެ ޗީފް އެގްޒެކެޓިވް ރަޖިތު ޕުންހާނީ އިއްޔެ ވިދާޅުވި ގޮތުގައި، މުޅި ގައުމުގައި ފެން ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ފެން ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ "ބިސްލެރީ" ކުންފުނީގެ ފެން ސާމްޕަލަކުން ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ "ބްރޯމޭޓް" ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން ހެދި އިތުރު ޓެސްޓުތަކުން، ތަޣައްޔަރުވުމާ ގުޅުން ހުންނަ ކެމިކަލް ގްރޫޕެއް ކަމަށްވާ "ޕޮލިނިއުކްލިއާ އެރޮމެޓިކް ހައިޑްރޯކާބަންސް" (ޕީއޭއެޗް) ވެސް އެ ސާމްޕަލުން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް ބިސްލެރީ ކުންފުނިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ފަހުން ހެދި ޓެސްޓުތަކުން ބްރޯމޭޓް ހުރީ ހުއްދަ މިންގަނޑުގެ ތެރޭގައި ކަމަށާއި، ޕީއޭއެޗް ފެނުނު ކަމަށް ބުނާ ޓެސްޓުތަކުގެ ނަތީޖާގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

އިސްކުރު ފެން ބުއިމަށް އެކަށީގެން ނުވާތީ ގިނަ އާއިލާތަކުން ފުޅީގައި ބަންދުކުރި ފެނަށް ބަރޯސާވާ އިންޑިއާގައި، މި މައްސަލައާ ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި މިފަދަ ޓެސްޓުތަކެއް ހެދުމަށް ވަގުތު ނަގާނެ ކަން ފާހަގަކުރައްވަމުން ޕުންހާނީ ވިދާޅުވީ، ނަތީޖާ ލިބެން މަދުވެގެން އެއް މަސް ނުވަތަ ދެ މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންޑިއާގައި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތް ނަމަވެސް، އެ ކަންކަން ތަންފީޒުކުރުމުގައި ބޮޑެތި ބާގަނޑުތައް އެބަހުއްޓެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2022 އިން 2025 އަށް ރެގިއުލޭޓަރުން ޓެސްޓުކުރި ކާބޯތަކެތީގެ ކޮންމެ ހަ ސާމްޕަލަކުން އެއް ސާމްޕަލް ވަނީ މައިގަނޑު މިންގަނޑުތަކަށް ނުފެތި ފެއިލްވެފަ އެވެ.

މީގެ ކުރިން 2024 ވަނަ އަހަރު، އިންޑިއާގެ މަޝްހޫރު ހަވާދުގެ ބްރޭންޑްތަކުން ކެންސަރަށް މަގުފަހިވާ "އެތިލީން އޮކްސައިޑް" ފެނުމާ ގުޅިގެން ނޭޕާލާއި ސިންގަޕޫރު ފަދަ ގައުމުތަކުން ވަނީ އެ ބާވަތްތައް އެތެރެކުރުން މަނާކޮށްފަ އެވެ. -- އޭއެފްޕީ