އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ އަނަންތު ސިންގްގެ ދަރިފުޅު ޝިވާންގީ ސިންގްގެ ކައިވެނި ހަފުލާއަށް ގާތްގަނޑަކަށް 400،000 މީހުންނަށް ދައުވަތު ދީގެން ބޭއްވި ބޮޑު ޕާޓީއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު، އަނަންތު ސިންގްގެ އުފަން އަވަށް ކަމަށްވާ ނަދާވާންގައި ބޭއްވި މި ކުލަގަދަ ހަފުލާގެ އިންތިޒާމުތައް ހުރި ގޮތުން މުޅި ސަރަހައްދު ވަނީ ތޮއްޖެހި، ޓްރެފިކް ބާރުބޮޑުވެފަ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޕާޓީއަށް ދިޔަ މީހުންނަށް ކެއްކުމަށް 500 ޝެފުންނާއި ބަދިގެ މުވައްޒަފުން ހަރަކާތްތެރިވި އިރު، އިންޑިއާގެ ސަގާފީ ފޮނިކާތަކެތީގެ 500،000 އެތިކޮޅު ތައްޔާރުކޮށްފައިވެ އެވެ.
ވީއައިޕީ މެހެމާނުން އައުމަށްޓަކައި ފަސް ހެލިޕެޑް ތައްޔާރުކޮށްފައިވާ އިރު، ހަފުލާ ބޭއްވި ސަރަހައްދު ޒީނަތްތެރިކުރުމަށް ޗައިނާއިން މާ ގެނެސް ހަވާ އެރުވުމުގެ ބޮޑު އިވެންޓެއް ވެސް ބާއްވާފައިވެ އެވެ. އަދި ފިރިހެން ކުއްޖާގެ އާއިލާ އެ ސަރަހައްދަށް ދިޔައީ ގާތްގަނޑަކަށް 200 ކާރުގެ ކޮންވޯއީއެއްގަ އެވެ.
އެތައް ލައްކަ ބަޔަކު އެއްފަހަރާ އެ ސަރަހައްދަށް ޖަމާވުމުގެ ސަބަބުން މަގުތައް އެއްކޮށް ބަންދުވި އެވެ. ޓްރެފިކްގައި ތާށިވުމުގެ ސަބަބުން ސިޔާސީ ބޭފުޅަކު ކާރު ދޫކޮށްލެއްވުމަށް ފަހު ޓްރެކްޓަރެއްގައި ދަނޑުބިންތައް ހުރަސްކޮށް ޕާޓީއަށް ވަޑައިގެންނެވި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޕާޓީ ކުރިއަށްދާ ގޮތް ބެލުމަށް އެތައް ހާސް ބަޔަކު ގަސްގަހަށާއި ކަރަންޓު ހޮޅިދަނޑިތަކަށް ވެސް އެރި އެވެ. އަދި 200 އަސް ބައިވެރިކޮށްގެން ބާއްވަން އުޅުނު ރޭހެއް ބެލުމަށް އެއްލައްކައެއްހާ މީހުން އެއްވުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ރޭސް ވަނީ ފަސްކުރަންޖެހިފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ހަ ފަހަރަށް ކޮށްފައިވާ އަނަންތު ސިންގުގެ މައްޗަށް، މަރުގެ މައްސަލަތައް ހިމެނޭހެން ޖިނާއީ 28 ދައުވާއެއް އެބަ އޮތެވެ. އޭނާ ކަފާލާތުގެ ދަށުން ޖަލުން މިނިވަންވީ މި އަހަރުގެ ކުރީކޮޅު އެވެ.