ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔަމަނުގެ ދެކުނު އައްސޭރިފަށުން ދަތުރުކުރަމުން ދިޔަ އާގުބޯޓަކަށް ހަތިޔާރު އެޅި ބަޔަކު އަރައި، އެ ބޯޓު ހައިޖެކްކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ، ޔޫކޭއެމްޓީއޯ އިން މިއަދު ބުނެފި އެވެ.

"އެ ބޯޓުގެ ކޮންޓްރޯލް މިހާރު އޮތީ ހުއްދަ ނެތި ބޯޓަށް އެރި މީހުންގެ އަތުގައި. ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ އެކަން އަންގާފައި،" އެ އެޖެންސީން ނެރުނު ބަޔާނެއްގައިވެ އެވެ.

ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި މުދާ އުފުލާ ބޯޓަށް، ހަތިޔާރު އެޅި މީހުން އަރާފައިވަނީ ޔަމަނުގެ ބަލްހާފްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 120 ކިލޯމީޓަރު (70 މޭލު) ބޭރުންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ ސަރަހައްދާ ކައިރީގައި އޮންނަ ހޯން އޮފް އެފްރިކާގެ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރުމުގެ ހާދިސާތައް އިތުރުވަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން، އަރަބި ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ދަނީ ތަކުރާރުކޮށް ހަމަލާތަކާ ކުރިމަތިވަމުންނެވެ. -- އޭއެފްޕީ