ރިޔާޟް، ސައުދީ އަރަބިއްޔާ - ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ. ސައުދީން މިހެން ބުނެފައިވަނީ ޔަމަނަށް ސައުދީން ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީންގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ މިދިޔަ ހޫނު މޫސުމުގައި އަލުން ފެށުނު ފަހުން، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނު ސަރުކާރަށް ތާއީދުކުރާ، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ އީރާނުގެ މަދަދު ލިބޭ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.
މި ހަމަލާތަކުގެ ރައްދުގައި ހޫތީ ހަނގުރާމަވެރިން ވެސް ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސައުދީ އަރަބިއްޔާއަށް ހަމަލާދެމުންނެވެ. އެގޮތުން އެ ގައުމުގެ ތެޔޮ ކާރުހާނާތަކަށާއި އެއާޕޯޓްތަކުގެ އިތުރުން ރިޔާޟްގެ ވިޔަފާރި މަރުކަޒު ހުންނަ ސަރަހައްދަށް ވެސް ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
"ހޫތީ ޓެރަރިސްޓް ޖަމާއަތުން ރިޔާޟް ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް އެއާ ޑިފެންސް ނިޒާމުން ވަނީ ހުއްޓުވައި ގޮއްވާލާފައި،" ސައުދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެކްސްގައި ވިދާޅުވި އެވެ.
މި ހަމަލާ ދީފައިވަނީ ހޫތީން ކޮންޓްރޯލް ކުރާ ޔަމަނުގެ ވެރިރަށް ސަންއާއަށް ސައުދީން ހަމަލާދިން ކަމަށް ހޫތީންގެ ނިއުސް އެޖެންސީ ސަބާ އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
"ސައުދީގެ އަދުއްވުން ސަންއާގެ އަލް-ތަހްރީރު ޑިސްޓްރިކްޓްގެ ބިރް އަބޫ ޝަމްލާ އަވަށަށް ދިން ހަމަލާގައި އަށް ގެއަކަށާއި ތިން ފިހާރައަކަށް ވަނީ ގެއްލުންވެފައި،" ސަބާ އިން ޓެލެގްރާމްގައި ބުނެފައިވެ އެވެ.
ހޫތީންގެ ނިއުސް އައުޓްލެޓް އަލްމަސީރާ އިން ބުނި ގޮތުގައި މި ހަމަލާގައި 13 މީހަކު ވަނީ ޒަހަމްވެފަ އެވެ. މީގެ އިތުރުން، ސައުދީގެ ދެކުނުގެ ސަރަހައްދަކަށް ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ވެސް މިއަދުގެ ވަގުތެއްގައި ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ