ޑުޓާޓެ އަށް ވައިޓް ހައުސް އަށް ދައުވަތު ދިނުމުން ފާޑުކިޔުން

ވޮޝިންޓަން (މެއި 1) - އިންސާނީ ހައްގުތަކުގެ ރެކޯޑް ވަރަށް ގޯސް ވެރިއެއް ކަމަށްވާ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޓުޓާޓެ ވައިޓް ހައުސް އަށް ވަޑައިގަތުމުގެ ދައުވަތު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމުން ބައެއް ފަރާތްތަކުން ފާޑު ކިޔަން ފަށައިފި އެވެ.


ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު ޖޯން ސިފްޓޮން ވިދާޅުވީ އަމިއްލަ ގައުމުގެ މީހުން މަރާ ކަމަށް ފަޚުވެރިވެރިކަމާ އެކު ވިދާޅުވާ ވެރިއަކު ވައިޓް ހައުސް ޒިޔާރަތް ކުރުމަށް ދައުވަތު ދިނުމުން އެދެވެނީ ވަރަށް ގޯސް މެސެޖެއް ކަަމަށެވެ. އަދި އެއީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ޑުޓާޓެ ހިންގާ އަނިޔާވެރި އަމަލުތައް އެމެރިކާ އިން އެންޑޯސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޑުޓާޓެ ވައިޓް ހައުސް އަށް ވަޑައިގަތުމަށް ދައުވަތު ދިނުމަކީ ސްޓޭޓް ޑިޕާޓްމަންޓާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ރުހޭ ކަމެއް ނޫނެވެ.

ފާޑުކިޔުންތައް ދިފާއުކޮށް ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރެއިންސް ޕްރީބާސް ވިދާޅުވީ ޑުޓާޓެ އަށް ދައުވަތު ދިނުމަކީ އޭނާގެ ސިޔާސަތުތަކަށް ދިން އިނާމެއް ނޫން ކަމަށެވެ. އަދި އެއީ ޑުޓާޓެގެ އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު އެމެރިކާ ކަންބޮޑު ނުވާކަމުގެ ހެއްކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ނޯތު ކޮރެއާ މައްސަލާގައި އޭޝިއާގެ ބައެއް ގައުމުތަކާ އެމެރިކާ އިން އެއްބާރުލުން އިތުރުކުރަން ބޭނުންވާ ކަމަށެވެ.

އިންސާނީ ހައްގުތަކުގެ ރެކޯޑް ރަނގަޅު ނޫން ވެރިންނަށް ވެސް ޓްރަމްޕް މީގެ ކުރިން ވަނީ ދައުވަތު ދެއްވައިފަ އެވެ. ސިފައިން ނުކުމެ ވެރިކަން ވައްޓާލި ދެ ގައުމު ކަމަށްވާ މިސްރާއި ތައިލެންޑުގެ ވެރިންނަށް ވެސް ޓްރަމްޕް ވަނީ ދައުވަތު ދެއްވައިފަ އެވެ. މި ދެ ގައުމުގެ ވެރިންނަށް މިހާރު ތިބީ ވެރިކަން ވައްޓާލި އިރު ސިފައިންގެ ވެރިންނަށް ތިބި ފަރާތްތަކެވެ. އަދި ޓްރަމްޕް ދާދި ފަހުން ވަނީ ޗައިނާގެ ރައީސްއާ އެކު ވެސް އެމެރިކާގައި ބައްދަލު ކުރައްވައިފަ އެވެ.

ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ އަހަރެއްހާ ދުވަސް ތެރޭ، މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ.

ޑުޓާޓެއާ އެކު މިދިޔަ އަހަރު ބާއްވަން އޮތް ބައްދަލުވުމެއް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ކެންސަލް ކުރައްވައިފަ އެވެ.