އަސާންޖް ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލްކޮށްފި

ސްޓޮކްހޯމް (މެއި 19) - ވިކިލީކްސް ބާނީ ޖޫނިއަން އަސާންޖުގެ މައްޗަށް ތުހުމަތުކޮށްފައިވާ ރޭޕުގެ މައްސަލައިގެ ތަހުގީގު ހުއްޓާލާ އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލްކޮށްފައިވާ ކަމަށް ސްވިޑަންގެ ޕަބްލިކް ޕްރޮސެކިއުޝަން ޑިރެކްޓަރު މަރިއާން ނީ ވިދާޅުވެއްޖެ އެވެ.


ސްވިޑަންގެ މި ނިންމުމާ އެކު އަސާންޖާއި ސްވިޑަންއާ ދެމެދު އުފެދިފައިވާ ހަތް އަހަރުވީ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. އަސާންޖް، 45، 2012 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އަންނަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގަ އެވެ. އިކުއެޑޯ އެމްބަސީން ޑިޕްލޮމެޓިކް އިމްތިޔާޒު ހޯދީ އަސާންޖް ސްވިޑަން އަށް ހަވާލުކޮށްފި ނަމަ އެމެރިކާ އަށް ވެސް ހަވާލުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. ވިކިލީކްސް އިން ވަނީ އެމެރިކާގެ ސިއްރު އެތައް މައުލޫމާތެއް އާއްމުކޮށްފަ އެވެ. އަސާންޖް ބުނެފައި ވަނީ އޭނާ އެމެރިކާއާ ހަވާލުކޮށްފި ނަމަ މަރުގެ ހުކުމް އިއްވުން ގާތް ކަމަށެވެ.

ސްވިޑަންގެ ޕަބްލިކް ޕްރޮސެކިއުޝަން ޑިރެކްޓަރު މަރިއާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަސާންޖުގެ ތަހުގީގު ހުއްޓާލަން ވަނީ ނިންމާފައި. --ފޮޓޯ:ރޮއިޓާސް

ސްވިޑަންގެ ޕްރޮސެކިއުޝަން ޑިރެކްޓަރު ނީ ނޫސްވެރިންނާ ބައްދަލު ކުރައްވާ މިއަދު ވިދާޅުވީ އިކުއެޑޯ އެމްބަސީގައި އަސާންޖް ހުރުމުން ޔޫރަޕިއަން އެރެސްޓް ވޮރެންޓް އޭނާގެ މައްޗަށް ތަންފީޒު ނުކުރެވޭ ކަމަށެވެ. އަދި ސްވިޑަންގެ ގާނޫނުތައް ބުނަނީ ޖިނާއީ ތަހުގީގުތައް ވީހާވެސް އަވަހަކަށް ނިންމަން ކަމަށްވާ އިރު އިކުއެޑޯ އެމްބަސީން އެއްބާރުލުން ނުލިބޭތީ އަސާންޖުގެ ތަހުގީގު ހުއްޓާލަން ނިންމީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރަން އޮންނަ މުއްދަތު ކަމަށްވާ އޮގަސްޓް 2020 ގެ ކުރިން އަސާންޖް ސްވިޑަން އަށް ހިނގައްޖެ ނަމަ ތަހުގީގު ފަށާނެ ކަމަށް ނީ ވިދާޅުވި އެވެ.

ލަންޑަން ފުލުހުން ބުނީ އަސާންޖް ހައްޔަރު ކުރުމުގެ އަމުރު ސްވިޑަން އިން ބާތިލް ކުރި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުދި ކުށްތަކުގައި، އިކުއެޑޯ އެމްބަސީން ނުކުމެއްޖެ ނަމަ އޭނާ ހައްޔަރު ކުރާނެ ކަމަށެވެ. މެޓްރޯޕޮލިޓަން ޕޮލިސް ސާވިސް (އެމްޕީއެސް) އިން ބުނީ އަސަންޖްގެ މައްޗަށް ކޯޓަށް އެއްބާރުލުން ނުދިނުމުގެ ދައުވާ އެބައޮތް ކަމަށެވެ. އެއީ އަހަރަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާއެއް ކުރާވަރުގެ ކުށެކެވެ. އަސާންޖް ހައްޔަރު ކުރަން އެމެރިކާ އިން އެދިފައިވާކަން އެމްޕީއެސް އިން ނުބުނެ އެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުން ގާއިމްކޮށްފަ އެވެ.

އަސާންޖް އިކުއެޑޯ އެމްބަސީގައި.

އަސާންޖްގެ ސްވިޑަން ވަކީލް ޕާ ސެމިއުލްސަން ބުނީ ޕްރޮސެކިއުޓަރުގެ ނިންމުމަކީ އަސާންޖަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބެއް ކަމަށެވެ. އަސާންޖް ހައްޔަރު ކުރުމުގެ އަމަރު ބާތިލްކޮށް ދިނުމަށް ވަކީލް މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. ސަބަބަކީ އަސާންޖް ހައްޔަރު ކުރުމަކީ އެމެރިކާ އިން އެންމެ އިސްކަން ދޭނެ ކަންތައް ކަމަށް އާ އެޓާނީ ޖެނެރަލް ޖެފް ސެޝަން ވިދާޅުވެފައިވާތީ ކަމަށް ވެސް ވަކީލް ބުންޏެވެ. އޭއެފްޕީ އަށް ވަކީލް ބުނީ އެމެރިކާ އިން އަސާންޖް ހައްޔަރު ކުރަން އުޅޭތީ، ސްވިޑަންގެ އަމުރު ބާތިލްކޮށްފި ނަމަ ލަންޑަން އެމްބަސީން ނުކުމެގެން، އިކުއެޑޯ އަށް ގޮސް އެ ގައުމުގެ ސިޔާސީ ހިމާޔަތް ހޯދޭނެ ކަމަށެވެ.

އަސާންޖް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި އެއީ އެމެރިކާގެ ސިއްރު މައުލޫމާތުތަކެއ ބޭޒާރު ކުރުމުން ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ތުހުމަތެއް ކަމަށް ވެސް އަސާންޖް ބުނެފައިވެ އެވެ.