އަސާންޖުގެ މައްސަލަ ސްވިޑަން އިން އަލުން ބަލަނީ

ސްޓޮކްހޯމް (މެއި 13) - ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖުގެ މައްޗަށް ކުރި ރޭޕުގެ ތުހުމަތުގެ މައްސަލަ އަލުން ބެލުމަށް ސްވިޑަންގެ ޕްރޮސެކިއުޓަރުން ނިންމައިފި އެވެ.


އެ މައްސަލަ އަލުން ބަލަން ނިންމީ ރޭޕުގެ ޝިކާރައަކަށްވި މީހުންގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.

އަސާންޖް ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހަދައިފަ އެވެ. އެ ތަހުމަތުގައި އޭނާ ހައްޔަރުކޮށްފާނެތީ 2012 ވަނަ އަހަރު ވަނީ އިނގިރޭސި ވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން ހިމާޔަތް ހޯދައިފަ އެވެ. ނަމަވެސް ވޭތުވެދިޔަ ހަތް އަހަރު އެމްބަސީގައި ދިރިއުޅުނު ނަމަވެސް، އަސާންޖަށް ދީފައިވާ ޑިޕްލޮމެޓިކް އިމްތިޔާޒްތައް އިކުއެޑޯ އިން އަނބުރާ ގެންދިއުމުން އިނގިރޭސި ފުލުހުން އޭނާ ވަނީ މިދިޔަ މަހު ހައްޔަރުކޮށްފަ އެވެ. ކަފާލާތުގެ އުސޫލުތަކާ ޚިލާފުވެފައިވާތީ އުމުރުން 47 އަހަރުގެ އަސާންޖް މިހާރު ހުރީ ލަންޑަނުގެ ޖަލެއްގައި 50 ހަފުތާ އަށް ބަންދުކޮށްފަ އެވެ.

ސްވިޑަންގެ ޕްރޮސެކިއުޓަރުން މީގެ ދެ އަހަރު ކުރިން ވަނީ އަސާންޖުގެ ރޭޕުގެ މައްސަލަ ދޫކޮށްލައިފަ އެވެ. ސަބަބަކީ އެމްބަސީގެ ތެރޭގައި ހުރުމުން އޭނާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

ނަމަވެސް ސްވިޑަންގެ ޑިޕިއުޓީ ޑިރެކްޓާ އޮފް ޕަބްލިކް ޕްރޮސެކިއުޝަން އީވާ-މާރީ ޕާސަން މިއަދު ވަނީ އެ މައްސަލަ އަލުން ބަލާނެކަން އިއުލާން ކުރައްވައިފަ އެވެ.

"އަސާންޖް މިހާރު ވަނީ އެމްބަސީން ނުކުމެފައި. އެ މައްސަލައިގެ ހާލަތު ބަދަލުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ޕާސަން ވިދާޅުވީ އަސާންޖް ހައްޔަރު ކުރުމުގެ ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރޭނެ ކަމަށެވެ.

އަސާންޖުގެ މައްސަލަ ސްވިޑަން އިން ބަލަން ނިންމުމުން، އޭނާ ހަވާލު ކުރާނީ ސްވިޑަން އަށް ނުވަތަ އެމެރިކާ އަށް ކަމެއް އަދި ނޭނގެ އެވެ. ވިކިލީކްސް އިން ޑިޕްލޮމެޓިކް މައުލޫމާތުތަކެއް 2010 ވަނަ އަހަރު ބޭޒާރުކޮށްލުމާ ގުޅިގެން އެމެރިކާ އިން ވެސް ވަނީ އަސާންޖް އެ ގައުމާ ހަވާލު ކުރުމަށް އިނގިރޭސި ވިލާތުގައި އެދިފަ އެވެ.

ވިކިލީކްސް އިން ބުނެފައި ވަނީ އަސާންޖުގެ މައްސަލަ އަލުން ބަލަން ސްވިޑަން އިން ނިންމުމަކީ އޭނާގެ މައްޗަށް ކުރި ތުހުމަތުން ބަރީއަވާން ލިބޭ ފުރުސަތެއް ކަމަށެވެ.