އިސްލާމް ދީނާ ބެހޭ ގޮތުން ޓްރަމްޕުގެ ތަގްރީރު ލިޔުއްވީ މުސްލިމުން މަނާކުރި ސިޔާސަތު ތައްޔާރުކުރި ބޭފުޅާ

ވޮޝިންޓަން (މެއި 19) - އިސްލާމް ދީނުގެ ބައެއް އުސޫލުތަކާ ބެހޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތުގެ މައްޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާގައި ދެއްވާ ތަގްރީރު ލިޔުއްވާފައި ވަނީ މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމުގެ ސިޔާސަތު އެކުލަވާލެއްވި ސީނިއާ އެޑްވައިޒަރު ސްޓެފަން މިލާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ޓްރަމްޕް ތަގްރީރު ދެއްވުމަށް ހަމަޖެހިފައި ވަނީ މުސްލިމް 50 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންވާ ސަމިޓެއްގަ އެވެ. ފަސް ގައުމަކަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅުގައި ޓްރަމްޕް މިއަދު ވަނީ ސައުދީ އަށް ފުރާވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި ވަނީ ރިޔާޒުގައި ބާއްވާ އަރަބި އިސްލާމިކް އެމެރިކަން ސަމިޓަށެވެ. މި ސަމިޓުގައި ވަނީ ޓެރަރިޒަމް ހުއްޓުވުމާއި މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ގަދަކުރާ މައްސަލަ އަށް ސަމާލުކަން ދޭން ނިންމައިފަ އެވެ.

ސައުދީ އަށް ފުރާވަޑައިގަތުމުގެ ކުރިން ނައިބް ރައީސް މައިކް ޕެންސް (ވ) އާއި ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗް.އާރު މެކްމާސްޓާ ވިދާޅުވީ ޓްރަމްޕުގެ ތަގްރީރުގައި އަދާވާތްތެރިންނާ ދެކޮޅަށް އިސްލާމީ ދުނިޔެ އެކަތިގަނޑަކަށް ހެދުމާއި މުސްލިމުންނާ މެދު އެމެރިކާ އިން ދެކޭ ގޮތް ހާމަކުރައްވާނެ ކަމަށެވެ.

ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅު ސައުދީ އަރަބިއާ އަށް ކުރެއްވި ނަމަވެސް ރިޔާސީ ކެމްޕޭން ތެރޭގައި ދައްކަވާފައިވާ ވާހަކަފުޅުތަކާ އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމުން ޓްރަމްޕަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. މުސްލިމް މަނާކުރުމުގެ ސިޔާސަތު ކަނޑައެޅުއްވުމާއި އަމުރު ލިޔުއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައި ވަނީ އުމުރުން 31 އަހަރުގެ މިލާ އާއި ޓްރަމްޕުގެ ސްޓްރެޓެޖިސްޓް ސްޓީވް ބެނޮން އެވެ.

ޓްރަމްޕުގެ ދަތުރަށް ސައުދީގައި ބަހައްޓާފައިވާ ބިލްބޯޑެއް. --ފޮޓޯ:އޭއެފްޕީ

މިލާ އަކީ އިސްލީމް ދީނާ ދެކޮޅުވުމުގެ ތާރީޚެއް އޮތް ބޭފުޅެކެވެ. ޑިއުކް ޔުނިވާސިޓީގައި އުޅުއްވި ދުވަސްވަރު މިލާ ސްކޫލް ނޫހަށް ލިޔުއްވި މަޒްމޫނުތަކުގައި ވަނީ އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ހިމަނައިފަ އެވެ. ޓްރަމްޕާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން މިލާ އަކީ އަލަބާމާގެ ކުރީގެ ސެނެޓާ އަދި މިހާރުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސްގެ އިސް މުޝީރެވެ.