ތޫފާން މޯރާގައި މުސްލިމް ރެފިއުޖީންނަށް ބޮޑު ގެއްލުމެއް

ޑާކާ (މެއި 30) - ބަންގްލަދޭޝް އަށް އެރި ތޫފާން މޯރާގެ ސަބަބުން މިއަންމާ އިން ހިޖުރަކޮށްފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީންނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.


ތޫފާން މޯރާ ބަންގްލަދޭޝް އިން ފުރަތަމަ އެރީ ކޮކްސް ބާޒާރާއި ޗިޓަގޮން ސިޓީ އަށެވެ. ކޮކްސް ބާޒާރުގެ ސެންޓް މާޓިން އާއި ޓެކްނާފް ރަށްތައް އޮންނަނީ މިއަންމާގެ ބޯޑަރުން ފެށިގެން މާދުރު ނޫން ހިސާބެއްގަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ ދަރިކޮޅު މުސްލިމުންގެ ގިނަ ބަޔަކު ބޮކްސް ބާޒާރުގެ އެކި ހިސާބުތަކުގައި ދިރިއުޅެ އެވެ.

ކޮކްސް ބާޒާރާއި ޗިޓަގޮން ސިޓީ އަށް ތޫފާން އެރި އިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 117 ކިލޯ މީޓަރު (73 މޭލު) ބާރު މިނުގަ އެވެ. ނަތީޖާއެއްގެ ގޮތުން ރޮހިންޖާ މުސްލިމުންގެ ވަރަށް ގިނަ ކޭމްޕްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ރޮހިންޖާ މުސްލިމުންގެ ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ ޝަމްސުލް އާލަމް ބުނީ ތޫފާނުގައި އައި ގަދަ ވައިގައި ވަނީ، ރެފިއުޖީން ދިރިއުޅެން ފަނުން ހަދާފައިވާ 10،000 އަށް ވުރެ ގިނަ ޖިފުޓި ހަލާކުވެފައި ކަމަށެވެ. ބޮކްސް ބާޒާރުގެ ބަލުކާލީ ކުޓުޕަލޮންގް ކޭމްޕުގެ ގިނަ ފޭލިގެތައް ވަނީ ބިމާ ހަމަވެފަ އެވެ.

ކުޓުޕަލޮންގް ކޭމްޕުގެ ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ އުމަރު ފާރޫގު ބުނީ ޖިފުޓިތައް ހަލާކުވުމުގެ ސަބަބުން މި ރޯދަ މަހު ގިނަ ރެފިއުޖީން ތިބެން ޖެހިފައި ވަނީ ބޯހިޔާވަހި ކަމެއް ނެތި، ހާމަ ތަންތަނުގައި ކަމަށެވެ.