ކަތުމަންޑޫ (އޮގަސްޓް 14) - ނޭޕާލުގައި ފެންބޮޑުވި ސަރަހައްދުތަކުގައި ތާށިވެފައި ތިބި ޓޫރިސްޓުން ސަލާމަތް ކުރުމަށް އެތް ފޮނުވާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޓޫރިސްޓުން ގިނަ އަދަދަކަށް ދަތުރުކުރާ ނޭޕާލުގެ އުތުރުގެ ހިސާބުތަކުގައި ފެންބޮޑުވުމުން 500 ވަރަކަށް ޓޫރިސްޓުން ވަނީ ސަލާމަތްވާނެ ގޮތެއް ނެތިފަ އެވެ. ޗިޓްވާން ޑިސްޓްރިކްޓުގެ ސައުރާހާގެ ވަރަށް ގިނަ ހޮޓާތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެހެންވެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން އެތްތަކުގެ މައްޗަށް އަރުވައިގެން ޓޫރިސްޓުން ރައްކާތެރިކަމުގެ ހިސާބުތަކަށް ގެންދަން އޮފިޝަލުން ވަނީ ނިންމައިފަ އެވެ.

ވެރިރަށް ކަތުމަންޑޫގެ ހުޅަނގު ދެކުނުން 96 މޭލު ދުރުގައި އޮންނަ ސައުރާހާގެ ހޮޓަލެއްގެ ވެރިއަކު ބުނީ އެއާޕޯޓަށް ޓޫރިސްޓުން ގެންދަން ޖެހުނީ އެތްތަކުގެ މަތީގައި ކަމަށެވެ.

ފެންބޮޑުވުމާއި ބިންގަނޑު ފޭބުމުގެ ސަބަބުން ނޭޕާލުން ވަނީ 50 މީހުން މަރުވެފަ އެވެ. ރެޑް ކްރޮސް އިން ބުނީ ފެންބޮޑުވުމުގައި 100،000 އަށް ވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ފެންބޮޑުވި ހިސާބުތަކުން ވަނީ ކަރަންޓާއި މުވާސަލާމަތީ ޚިދުމަތް ކެނޑިފަ އެވެ. ބައެއް ހިސާބުތަކުގެ ބްރިޖްތައް ވެއްޓުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ނޭޕާލުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަ ކުރާނެ ކަމަށް ބުނެފަ އެވެ.

ވިއްސާރަ މޫސުމުގައި ނޭޕާލުން މިދިޔަ އަހަރު ވަނީ 100 މީހުން މަރުވެފަ އެވެ. އޮގަސްޓް މަހުގެ ނިޔަލަށް ނޭޕާލުގައި ވިއްސާރަ މޫސުން ކުރިއަށް ދާނެ އެވެ.