ރޮހިންޖާ މުސްލިމުންނަށް ބަންގްލަދޭޝް އިން ބިން ދެނީ

ކޮކްސް ބާޒާރު (ސެޕްޓެމްބަރު 12) - މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ދަތުރު ކުރާ ރޮހިންޖާ މުސްލިމުން ވަގުތީ ހިޔާ ހެދުމަށް ބަންގްލަދޭޝް އިން ހިލޭ ބިން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.


މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ރަކީން ސްޓޭޓުގައި ހިންގާ ހަމަނުޖެހުންތަކާ ގުޅިގެން މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު މިހާރު ވަނީ 313،000 އަށް އަރާފައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ރެފިއުޖީންގެ އަދަދު ގިނަވުމުގެ ސަބަބުން ބައެއް ކޭމްޕްތައް ވަނީ ފުރި ބާރުވެފަ އެވެ. އެހެންވެ އަލަށް އަންނަ ރެފިއުޖީންނަށް ހިޔާވަހިކަން ދޭން ޖެހެނީ ސްކޫލްތަކާއި ވަގުތީ އިމާރާތްތަކުގެ އިތުރުން ހާމަ ތަންތަނުގަ އެވެ. މި ތަންތަނުގައި ފާޚާނާ ކުރުމުގެ ނިޒާމެއް ވެސް ނުހުރެ އެވެ.

މިއަންމާގެ ރެފިއުޖީންތަކެއް ބަންގްލަދޭޝް އަށް އެތެރެވަނީ.

އެހެންވެ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ރޮހިންޖާ މުސްލިމުންނަށް 810 ހެކްޓަރުގެ ބިން ދިނުމަށް ނިންމަވާފައި ކަމަށް އެ ގައުމުގެ ޖޫނިއާ ފޮރިން މިނިސްޓަރު މުހައްމަދު ޝާހުރިއާ އާލަމް ވިދާޅުވި އެވެ. އަދި އަލަށް އަންނަ ރެފިއުޖީން ރަޖިސްޓްރީކޮށް އެ މީހުންގެ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެފިއުޖީންގެ އަދަދު ގިނަވެ އެ މީހުންގެ ހާލަތު ގޯސްވެފައިވާތީ އެހީދޭ އެޖެންސީތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް މީހުން އެހީ ހޯދަން ކިޔޫގައި ތިއްބާ ބަނޑުހައިވެގެން ވެއްޓޭ މަންޒަރު ފެންނަ ކަމަށް ރިޕޯޓަރުން ބުނެ އެވެ. ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް 77 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެހީދޭ އެޖެންސީތަކުން ވަނީ ބުނެފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދޭތީ މިއަންމާގެ ވެރިންނާ ދެކޮޅަށް ދައުވާ ކުރުމަށް ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.