މިއަންމާގެ ވެރިންނަށް ދައުވާ ކުރަން ގޮވާލައިފި

ޑާކާ (ސެޕްޓެމްބަރު 11) - މިއަންމާގެ ވެރިންގެ ގޮތުގައި މިހާރު ތިބި މީހުންނަށް "ގަތުލްއާއްމު" ހިންގި ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަންގްލަދޭޝްގެ ނޭޝަނަލް ކޮމިޝަން ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.


"މިއަންމާގައި ގަތުލްއާއްމު ހިންގާ ގޮތާއި މީހުންގެ ގެދޮރުގައި އަލިފާން ޖަހަމުންދާ ގޮތަށް ބަލާއިރު މިއަންމާ ސިފައިންނާއި މިއަންމާގެ ވެރިންނާ ދެކޮޅަށް ދައުވާ އުފުލަން ޖެހޭނެ،" ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި މިއަންމާގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕަކަށް ޒިޔާރަތް ކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޗެއާމަން ކާޒީ ރިއާޒުލް ހައްގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ ހާލަތު ބެލުމަށް ފަހު މިއަންމާގެ ވެރިންނާ މެދު ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ރޮހިންޖާ މުސްލިމުންގެ ހާލަތު ބަލާ އެ މީހުންނަށް ބައިނަލްއަގުވާމީ މުޖްތަމައުން އެހީވުމަށް ވެސް ހައްގު ވަނީ ގޮވާލައްވައިފަ އެވެ.

ރޮހިންޖާ މުސްލިމުންނާ މެދު އަނިޔާވެރިވަމުންދާތީ މިއަންމާގެ ލީޑަރު އަން ސަން ސޫކީ އާއި އެ ގައުމުގެ ސިފައިންނަށް ދަނީ ބައިނަލްއަގުވާމީ ގޮތުން ފާޑު ކިޔަމުންނެވެ. ރަކީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުން ވަނީ އެތައް ހައްގަކުން މަހްރޫމްކޮށްފަ އެވެ. އެތައް ޒަމާނެއް ވަންދެން ރަކީންގައި ރޮހިންޖާ މުސްލިމުން ދިރިއުޅުނު ނަމަވެސް އެ މީހުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި ބަލައިގެންފައެއް ނުވެ އެވެ. އަދި އެންމެ ފަހުން އުފެދުނު ހަމަނުޖެހުންތަކުގައި ވަނީ ތިން ލައްކައެއްހާ ރޮހިންޖާ ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެފަ އެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭއެޗް މަހްމޫދު އަލީ ވެސް ވަނީ މިއަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމު ހިންގަމުންދާ ކަމަށް ވިދާޅުވެފަ އެވެ.