ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 12) - ނޯތު ކޮރެއާ އިން ކުރި ހަ ވަނަ އަދި އެންމެ ބާރުގަދަ ނިއުކްލިއާ ޓެސްޓާ ގުޅިގެން އެ ގަމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ޗައިނާ އާއި ރަޝިޔާގެ ވެސް ތާއީދާ އެކު ސަލާމަތީ މަޖިލީހުގެ 15-0 އިން ފާސްކޮށްފައި ވަނީ ނޯތު ކޮރެއާ އަށް ޓެކްސްޓައިލް އެކްސްޕޯޓާއި ތެލުގެ އިމްޕޯޓްގެ ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށެވެ. މީގެ ތެރޭގައި ނެޗަރަލް ގޭހެއް ނުހިމެނެ އެވެ. އަދި ނޯތު ކޮރެއާ މީހުންނަށް އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަށް އަލަށް ހުއްދަ ދޫކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މިއީ ނޯތު ކޮރެއާ އަށް ބޭރު ފައިސާ ލިބޭ އެންމެ މުހިންމު ދެ ދާއިރާ އެވެ. މި ގަރާރު ހުށަހަޅާފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާގެ ގަރާރުގައި ފުރަތަމަ ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ މުދާ ހިފެހެއްޓުމާއި އެއްވެސް ގައުމަކުން ނޯތު ކޮރެއާ އަށް ތެޔޮ ނުވިއްކުމަށް ހިމަނައިފަ އެވެ. ނަމަވެސް ގަރާރަށް ލުއިތަކެއްދީ ބަދަލު ގެނެސްފައި ވަނީ ޗައިނާ އާއި ރަޝިޔާ ރުއްސުމަށެވެ.

ނޯތު ކޮރެއާގެ ޓެކްސްޓައިލް އިންޑަސްޓްރީ އަކީ އެ ގައުމަށް ބޭރު ފައިސާ ލިބޭ އެންމެ ބޮޑު އެއް ވަސީލަތް. --ފޮޓޯ:ގެޓީ އިމޭޖަސް
ނޯތު ކޮރެއާގެ ޓެކްސްޓައިލް އިންޑަސްޓްރީ އަކީ އެ ގައުމަށް ބޭރު ފައިސާ ލިބޭ އެންމެ ބޮޑު އެއް ވަސީލަތް. --ފޮޓޯ:ގެޓީ އިމޭޖަސް

މިއީ ނޯތު ކޮރެއާގެ ބެލެސްޓިކް އަދި ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން 2006 ވަނަ އަހަރުގެ ފަހުން އެ ގައުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރި ނުވަ ވަނަ ގަރާރެވެ.

އެމެރިކާގެ ސަފީރު ނިއްކީ ހާލޭ ވިދާޅުވީ ނޯތު ކޮރެއާގެ ޓެކްސްޓައިލާއި އެ ގައުމުގެ މަސައްކަތު މީހުން މަނާކުރުމުން ޕިއޮންޔޮން އަށް އާމްދަނީގެ ގޮތުގައި އަހަރަކު 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. ޓެކްސްޓައިލުން 800 މިލިއަން ޑޮލަރު އަދި ބޭރުގައި މަސައްކަތް ކުރާ މީހުންގެ އަތުން 500 މިލިއަން ޑޮލަރު ނޯތު ކޮރެއާގެ އިގްތިސާދަށް ވަދެ އެވެ.

ހާލޭ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޗިންޕިންގެ މެދުގައި ވަރުގަދަ ގުޅުމެއް ނެތް ނަމަ ސަލާމަތީ މަޖިލީހުގެ ގަރާރު ހަގީގަތަކަށް ނުވާނެ ކަމަށެވެ. ޓްރަމްޕް ވަނީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރަށް ނޯތު ކޮރެއާގެ ނިއުކްލިއާ މިސައިލުގެ ގާބިލްކަން އިތުރު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރުގެ ކުރިން ނޯތު ކޮރެއާ އިން ވަނީ އދ. މެދުވެރިކޮށް އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާ ނަމަ އެމެރިކާ އިން އޭގެ އަގު އަދާކުރަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނޯތު ކޮރެއާ އިން މި މަހު 3 ވަނަ ދުވަހު ވަނީ ވަރުގަދަ ނިއުކްލިއާ ބޮމެއް ޓެސްޓްކޮށްފަ އެވެ.