އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލެއް އިއްޔެ އަޖުމަބެލުމާ ގުޅިގެން، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.

އުތުރު ކޮރެއާ އިން އިއްޔެ އަޖުމަބެލީ، ކަނޑުއަޑީގައި އޮންނަ ސަބްމެރިންއަކުން އުދުއްސައިލެވޭ ޒާތުގެ ބެލެސްޓިކް މިސައިލެކެވެ. އެފަދަ މިސައިލެއް އަޖުމަބެލިކަން އުތުރު ކޮރެއާ އިން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި އިއްޔެ އަޖުމަބެލީ ވަރަށް ފަހުން އުފައްދާފައިވާ ބެލެސްޓިކް މިސައިލެކެވެ. އަދި އެ މިސައިލަކީ އެންމެ ފަހުގެ ނިޔަމިކަމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރި މިސައިލެއް ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ. މީގެ މާނައަކީ، ރާޑަރުގެ އެހީގައި އެ މިސައިލް ހޯދުން ދަތިވުމެވެ.

ކާމިޔާބުކަމާ އެކު އަޖުމަބެލި ބެލެސްޓިކް މިސައިލްގެ ސަބަބުން، އުތުރު ކޮރެއާގެ ކަނޑުގެ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާ ކަމަށް އެ ގައުމުން ބުންޏެވެ. އޭގެ އިތުރުން، ކޮރެއާ ޖަޒީރާގެ އެއްގަމުން ބޭރަށް ބެލެސްޓިކް މިސައިލް ގެންދިއުމުގެ ގާބިލްކަން ވެސް އުތުރު ކޮރެއާ އަށް ލިބިގެން ދިޔައީ ކަމަށް ވެސް ބުންޏެވެ.

އުތުރު ކޮރެއާ އިން އިއްޔެ ބެލެސްޓިކް މިސައިލެއް އަޖުމަބެލިއިރު، އެއީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ކިތަންމެ ގަރާރަކާ ހިލާފަށް އެ ގައުމުން ކުރި ކަމެކެވެ. ބެލެސްޓިކް މިސައިލާއި ނިއުކްލިއާ ހަތިޔާރު އަޖުމަބެލުމަކީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން އުތުރު ކޮރެއާ އަށް މަނާކޮށްފައިވާ ކަންކަމެވެ.

އޮކްޓޫބަރ 19، 2021: އުތުރު ކޮރެއާ އިން އުފެއްދި، ސަބްމެރިން އިން އުދުއްސައިލާ ބާވަތުގެ ބެލެސްޓިކް މިސައިލެއް އަޖުމަބެލުމުގެ ގޮތުން، ކަނޑު އަޑީގައި އޮތް ސަބްމެރިންއަކުން ޖައްވުގެ ތެރެއަށް އުދުއްސައިލަނީ. --އޭއެފްޕީ
އޮކްޓޫބަރ 19، 2021: އުތުރު ކޮރެއާ އިން އުފެއްދި، ސަބްމެރިން އިން އުދުއްސައިލާ ބާވަތުގެ ބެލެސްޓިކް މިސައިލެއް އަޖުމަބެލުމުގެ ގޮތުން، ކަނޑު އަޑީގައި އޮތް ސަބްމެރިންއަކުން ޖައްވުގެ ތެރެއަށް އުދުއްސައިލަނީ. --އޭއެފްޕީ

މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ، އެ ގައުމުގައި އުފެއްދި ތަފާތު މިސައިލްތަކެއް އަޖުމަ ބަލައިފަ އެވެ. އޭގެ ތެރޭގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ ބެލެސްޓިކް މިސައިލާއި، ދުރު ރާސްތާ އަށް ދަތުރުކުރާ ކްރޫޒް މިސައިލް ވެސް ހިމެނެ އެވެ.

އުފައްދާފައިވާ ގޮތަށް ބަލާއިރު، ބެލެސްޓިކް މިސައިލްކީ ކްރޫޒް މިސައިލަށް ވުރެ ވެސް ނުރައްކާތެރި ހަތިޔާރެކެވެ. ސަބަބަކީ އެބާވަތުގެ މިސައިލްގައި، ކްރޫޒް މިސައިލަށް ވުރެ ގިނަ އަދި ބާރުގަދަ ގޮވާތަކެތި އުފުލުމުގެ އިތުރުން، ކްރޫޒް މިސައިލަށް ވުރެ މާ ބާރު ދުވެލީގައި މާ ދުރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވުމެވެ.

އުތުރު ކޮރެއާ އިން ބުނި ގޮތުގައި އިއްޔެ އަޖުމަބެލި މިސައިލަކީ، މިދިޔަ ހަފުތާގައި ޕިޔޮންގްޔަންގްގައި ބޭއްވި އަސްކަރީ މައުރަޒުގައި ދައްކައިލި ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ މިސައިލެކެވެ. އިއްޔެ އަޖުމަބެލި މިސައިލް އުދުއްސައިލީ ސިންޕޯ ބަނދަރުގައި އޮތް ސަބްމެރިންއަކުންނެވެ. އެއީ އުތުރު ކޮރެއާގެ ސަބްމެރިންތައް އާންމުކޮށް ބަނދަރު ކޮށްފައި އޮންނަ ބަނދަރެވެ.

ސިންޕޯ އިން އުދުއްސައިލި މިސައިލް، 60 ކިލޯމީޓަރު އުހުން، 450 ކިލޯމީޓަރަށް ދަތުރު ކުރުމަށް ފަހު ތިރިކުރީ، ޖަޕާން ކަނޑުގެ ތެރެއަށެވެ. އެއީ އުތުރު ކޮރެއާ އާއި ޖަޕާނާ ދޭތެރޭ މެދުގެ ކަނޑުގެ ސަރަހައްދެވެ.