ނިއު ދިއްލީ (ސެޕްޓެމްބަރު 18) - މިއަންމާ އިން އެތެރެވެފައިވާ ރޮހިންޖާ ރެފިއުޖީގެ 40،000 މީހުން ޑިޕޯޓްކޮށްލަން އުޅޭ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ނިއު ދިއްލީގެ ކޭމްޕެއްގައި ދިރިއުޅޭ ރޮހިންޖާ ދެ ރެފިއުޖީއެއްގެ ފަރާތުންނެވެ. އެ މައްސަލަ މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރޮހިންޖާ ރެފިއުޖީން އިންޑިއާ އިން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ޖޫނިއާ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ މިދިޔަ މަހު ދެއްވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައި ވަނީ އދ.ގައި ރަޖިސްޓްރީކޮށްފައިވާ ރެފިއުޖީން ވެސް ބޭރުކޮށްލާނެ ކަމަށެވެ. ރަޖިސްޓްރީކޮށްފައިވާ 16،000 ރޮހިންޖާ ރެފިއުޖީން އިންޑިއާގައި އުޅޭ ކަމަށް އދ. އިން ބުނެފައިވެ އެވެ.

ރޮހިންޖާ ރެފިއުޖީން ތަމްސީލް ކުރާ ވަކީލް ޕްރަޝަންތު ބުޝާން ވިދާޅުވީ އިންޑިއާ މީހުންނެކޭ އެއްގޮތަށް އިންޑިއާގެ ރައްޔިތުން ނޫން މީހުންނަށް ވެސް އެއްވަރެއްގެ ހައްގުތައް ދިނުމަށް އެ ގައުމުގެ ގާނޫނު އަސާސީ ތަންދޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮހިންޖާ ރެފިއުޖީންނަކީ ސަލާމަތީ ގޮތުން ހުރި ބިރެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި ޓެރަރިސްޓް ހަރަކާތްތަކަށް އެ މީހުން އެހީވުމުގެ ނުރައްކާ އޮތް ކަމަށް ދަނީ ބުނަމުންނެވެ. ސުޕްރީމް ކޯޓުގައި ވެސް އިންޑިއާ އިން އެ މައްސަލަ ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮހިންޖާ މުސްލިމުން ވަނީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކާ ގުޅުމެއް ނޯންނަ ކަމަށް ބުނެފަ އެވެ.