ޗައިނާ ކުންފުނިތަކުން ދަޅުގައި ބަންދުކުރި ގެރިމަހުގެ ނަމުގައި މިނިމަސް އެފްރިކާގެ ގައުމުތަކުގައި ވިއްކަމުން ގެންދާކަމުގެ ތުހުމަތުތައް އެ ގައުމުގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުނީ، ކޯން ބީފް ދަޅުތަކުގައި ގެރި މަހުގެ ބަދަލުގައި މިނިމަސް ބަންދުކޮށްގެން އެފްރިކާގެ ގައުމުތަކުގައި ވިއްކަމުން އަންނަ ކަމަށް ޒެމްބިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ.
ޒެމްބިއާގެ ނޫހުގައި ނަން ނުޖަހާގޮތަށް ހަވާލާދީފައިވާ ޗައިނާގެ އަންހެނަކު ބުނިގޮތުގައި، ޗައިނާ ކުންފުނިތަކުން އަންނަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުން މަސް ނަގައިގެން ދަޅުތަކުގައި ބަންދުކޮށް އެފްރިކާގެ ގައުމުތަކަށް ބޭރުކުރަމުންނެވެ.
ޗައިނާ އިން ޒެމްބިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ރިޕޯޓް ދޮގުކުރައްވަމުން ވިދާޅުވީ، އެ ދޮގު ހަބަރަކީ އެ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ހަލާކު ކޮށްލުމަށް ކޮށްފައިވާ ކަމެއް ކަމުގަ އެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެލުވާފައިވާ މިނި ހަށިތަކަކުން މަސް ކަނޑާތަނެވެ. އެކަމަކު އެ ފޮޓޯތަކަކީ 2012 ވަނަ އަހަރު ނުކުތް މަޝްހޫރު ވީޑިއޯ ގޭމް ރެޒިޑެންޓް އީވިލް 6 ގެ މާކެޓިން ކެމްޕެއިންގައި ބޭނުންކުރި ފޮޓޯތަކެއް ކަމުގައި ޗައިނާ ސަރުކާރުން ބުނެ އެވެ.
ޒެމްބިއާގެ ޑިފެންސް މިނިސްޓަރުގެ ނައިބު ކްރިސްޓޮފާ މުލެންގާ ވިދާޅުވީ، އެ ތުހުމަތުތަކާއި ގުޅިގެން ޒެމްބިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ޒެމްބިއާ އިން ލޮއެ ޗައިނާ އަށް އެތެރެކުރާއިރު، ޗައިނާގެ ގިނަ އަދަދެއްގެ ރައްޔިތުން ޒެމްބިއާގައި ވަޒަންވެރިވެ، ފުޅާ ދައިރާއެއްގައި ވިޔަފާރި ކުރެއެވެ.