ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ނުހެދުމަށް ފްރާންސް އިން އިންޒާރު ދީފި

ޕެރިސް (ޑިސެމްބަރު 5) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން އުޅޭތީ އެކަމާ ދެކޮޅަށް އަޑު އުފުލާ ގައުމުތަކުގެ ލިސްޓް އިތުރުވާން ފަށައިފި އެވެ.


ފްރާންސްގެ ރައީސް އެމަނުއެލް މޭކޮން ވަނީ ގުދުސްގެ ކުރިމަގާ މެދު ގޮތެއް ނިންމަން ޖެހޭނީ އިޒްރޭލާއި ފަލަސްތީނުން މަޝްވަރާކޮށް ދެ ބައި މީހުން ރުހޭ ގޮތަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފަ އެވެ. އަރަބި ބައެއް ގައުމުތަކުން ވެސް ކުރިން ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ނުހެދުމަށް އެމެރިކާ އަށް އިންޒާރު ދީފަ އެވެ.

އެމެރިކާގެ ކޮންގްރެސް އިން 1995 ވަނަ އަހަރު ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން ގާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ރައީސަކު ވެސް ގެންދަނީ އެމްބަސީ ބަދަލު ކުރުން ލަސްކުރުމަށް ކޮންމެ ހަ މަހަކުން ލިޔުމުގައި ސޮއިކުރަމުންނެވެ. އެއްވެސް ގައުމަކުން އަދި މިހާތަނަށް ގުދުސްގައި އެމްބަސީ ގާއިމްކޮށްފައެއް ނުވެ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ނަމަ ސުލްހައިގެ މަސައްކަތަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ސައުދީ އަރަބިއާ އިން އިއްޔެ ވަނީ ބުނެފަ އެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ އެމެރިކާ އިން އެ ގޮތަށް އަމަލު ނުކުރަން ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފަ އެވެ. ޖޯޑަން އާއި އަރަބި ލީގުން ވެސް ވަނީ އެމްބަސީ ބަދަލު ނުކުރަން ގޮވާލައިފަ އެވެ. ތުރުކީގެ ބޮޑު ވަޒީރުގެ ނައިބް ވިދާޅުވެފައި ވަނީ އެއީ ވަރަށް ހިތި ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ފަހު އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.