އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް: އޯއައިސީ

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށާއި އެ ދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، އިސްލާމީ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ކުއްލި ބައްދަލުވުން ނިންމާލައިފި އެވެ.


ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވެ މި މަހުގެ 6 ވަނަ ދުވަހު އެކަން އިއުލާން ކުރުމާ ގުޅިގެން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް އިއްޔެ މި ބޭއްވީ މި ދައުރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވައިލެއްވުމާ ގުޅިގެންނެވެ.

މި ބައްދަލުވުން ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން ވިދާޅުވީ އެމެރިކާގެ ގޯނާކުރުންތަކާ ދެކޮޅަށް އިސްލާމީ އުންމަތް އެކުގައި ތެދުވުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި މި ބައްދަލުވުން ނިންމާލަމުން އާންމު ކުރި، ހުރިހާ ގައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލަފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށާއި އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށެވެ.

ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޓްރަމަޕުގެ ނިންމުމަކީ އޭގެ ޒާތުގައި ޒިންމާދާރުކަން ކުޑަ ނިންމުމެކެވެ. އަދި އެއީ ބާތިލު އަދި ފަނާވެފައިވާ ގަރާރެކެވެ. އަދި އެ ގަރާރުގެ ސަބަބުން ހަކަތަ އާއި ހިތްވަރު ލިބޭނީ ޓެރަރިޒަމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ބައްދަލުވުން ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ގަބޫލު ކުރުމަކީ އެމެރިކާ އިން ހިންގި ޖަރީމާއެއް ކަމަށެވެ. އަދި އެމެރިކާ އަމިއްލަ އަމިއްލަ އަށް ނިންމި އެ ގަރާރު ގަބޫލު ނުކުރައްވާ ކަމަށާއި، މިއަދަށް ފަހު މެދުއިރުމަތީގެ ސުލަހައިގެ އެއްވެސް ކަމެއްގައި އެމެރިކާއަކީ ބައިވެރިއެއް ކަމަކަށް ފަލަސްތީނުން ގަބޫލެއް ނުކުރާނެ އެވެ. އަދި ގުދުސްގެ މައްސަލައިގައި އެމެރިކާ އެވަނީ ރަތް ރޮނގު ހުރަސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން ވިދާޅުވީ، ގުދުސްގެ މައްސަލައިގައި އެމެރިކާ އިން ނިންމި ޣައިރު ގާނޫނީ ނިންމުން އަނބުރާ ނުގެންދާ ނަމަ، އެއާ ވިދިގެން ދެން ނުކުންނަ ކޮންމެ ނަތީޖާއަކާ މެދު އެމެރިކާ ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި ގުދުސްގެ ގާނޫނީ ހައިސިއްޔަތު ދިފާއުކޮށް ދަމަހައްޓައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް އިސްލާމީ ގައުމުތަކުގެ ވެރިން އދ. މަޖިލީހަށް ގޮވައިލެއްވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ބޭއްވި މި ބައްދަލުވުމަށް 53 ގައުމުގެ ވެރިންނަށް ދައުވަތު ދެއްވި ނަމަވެސް، ވެރިން ބައިވެރިވެވަޑައިގެންނެވި އަދަދު މަދުކަން ފާހަގަ ކޮށްލެވެ އެވެ. ގިނަ ގައުމުތަކުން ފޮނުވީ ވަޒީރުން ފެންވަރުގެ ބޭފުޅުންނެވެ. އަރަބި ދުނިޔޭގެ އެންމެ ބޮޑު ދެ ގައުމުގެ ގޮތުގައި ބެލެވޭ މިސްރާއި ސައޫދީ އަރަބިއްޔާ އިން ވެސް ފޮނުވީ ޚާރިޖީ ވަޒީރުންނެވެ.