ކޮރަޕްޝަންގެ ތުހުމަތުގައި ސައޫދީ އަރަބިއްޔާގައި ހައްޔަރުކޮށްފައި ހުރި ބިލިއަނަރު އަލްއަމީރް އަލްވަލީދް ބިން ތޮލާލް، އޭނާގެ މިލްކިއްޔާތުން ބައެއް، ސައޫދީ ސަރުކާރަށް ދިނުމަށް ފަހު މިނިވަންވުމަށް ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުނެފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި އަލްވަލީދުގެ އިތުރުން އެހެން ބައެއް އަމީރުން ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ބައެއް އަމީރުންގެ މިލްކިއްޔާތުން ވަކި މިންވަރެއް ސައޫދީ ސަރުކާރަށް ދިނުމަށް އެއްބަސްވުމުން މިހާރު މިނިވަން ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަލްވަލީދަށް ވެސް މީގެ ދުވަސްތަކެއް ކުރިން ވަނީ ސައޫދީ ސަރުކާރުގެ އެ ހުށަހެޅުން ތަކުރާރުކޮށް ލިބިފަ އެވެ. ނަމަވެސް ފެށުނީއްސުރެ އޭނާ އެ ކަމަށް ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް ފައިނޭންޝަލް ޓައިމްސް ބުނެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ، މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ސައޫދީ ސަރުކާރުން ވަނީ 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 11 އަމީރަކާއި މިހާރުގެ ހަތަރު ވަޒީރަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ.

އަލްވަލީދު ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ސައޫދީ ސަރުކާރުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކޮރަޕްޝަންގެ އިތުރުން، މަނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމާއި ސަރުކާރުގެ ބައެއް ވެރިންނަށް ނުފޫޒު ފޯރުވުން ހިމެނެ އެވެ.

ސައޫދީ ސަރުކާރުން ބުނާ ގޮތުގައި ކޮރަޕްޝަންގެ ސަބަބުން ސައޫދީ ސަރުކާރަށް ވަނީ އެތައް ބިލިއަން ޑޮލަރެއް ގެއްލިފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ހަރަކާތުގެ ދަށުން ހައްޔަރު ކުރި އެންމެންގެ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒް ކޮށްފަ އެވެ.

ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ސައޫދީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ.

އަމީރް އަލްވަލީދަކީ ސައޫދީ އަރަބިއްޔާގެ ބާނީ އަބްދުލްއަޒީޒް އާލް ސުޢޫދުގެ ދަރިކަލުން ޠަލާލްގެ ދެ ވަނަ ދަރިކަލުންނެވެ. އޭނާގެ ދެ ފަރާތުގެ ކާފައިންނަކީ ވެސް އަރަބި ދުނިޔޭގެ ނުފޫޒު ގަދަ ދެ ޝަހްސިއްޔަތެކެވެ. ބައްޕަ ފަރާތު ކާފައަކީ ސައޫދީގެ ބާނީ އަބްދުލްއަޒީޒެވެ. މަންމަ ފަރާތު ކާފައަކީ ލުބްނާނަށް މިނިވަންކަން ލިބުމަށް ފަހު އުފެދުނު ސަރުކާރުގެ ފުރަތަމަ ބޮޑުވަޒީރު ރިޔާޟު އައްސޯލިހް އެވެ.