ޖިއްދާ (ޖެނުއަރީ 14) - ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި ސައުދީ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް މިނިވަންވުމަށްޓަކައި ސަރުކާރުން ހުށަހަޅާ އަދަދަކަށް ފައިސާ ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނަމަވެސް އެއްވެސް އެއްބަސްވުމަކާ ހަމައަށް އަދި ނާދެވޭ ކަމަށް އޮފިޝަލުން ބުނެ އެވެ.
"ޕްރިންސް ވަލީދު ވަނީ ވަކި އަދަދެއް ހުށަހަޅާފައި. އެކަމަކު އެއީ ސަރުކާރުން ބޭނުންވާ މިންވަރެއް ނޫން. އެހެންވެ އެޓާނީ ޖެނެރަލް އެ އަދަދު ގަބޫލްކޮށްފައެއް ނުވޭ،" އޮފިޝަލް ބުންޏެވެ.
ޕްރިންސް ވަލީދުގެ ގާތް ބޭފުޅަކު ބުނީ ވަލީދު ވަނީ ސަރުކާރަށް "އެހީއެއް" ހުށަހަޅާފައި ކަމަށެވެ. އަދި އެ އެހީ އަށް ސައުދީ ސަރުކާރުން އެއްބަސްވެފައި ނުވާ ކަމަށް އޮފިޝަލް ބުންޏެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ މުދަލުން ބައެއް ނުވަތަ ފައިސާގެ ބޮޑު ބައެއް ސަރުކާރަށް ދިނުމުން މިނިވަން ކުރުމާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. ސައުދީ ސަރުކާރުން އުއްމީދުކޮށްފައި ވަނީ ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ސަރުކާރަށް ފައިސާ ދެއްކި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ސައުދީ ބިން ލާދިން ގްރޫޕުން މިހާރު ވަނީ ކުންފުނީގެ ބައެއް ހިއްސާ ސަރުކާރަށް ދޭން އެއްބަސްވެފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ވަނީ ބިން ލާދިން ގްރޫޕުގެ ޗެއާމަން ބަކްރު ބިން ލާދިން ހައްޔަރުކޮށްފަ އެވެ. އޭގެ ކުރިން ވަނީ ޕްރިންސް މުތުއަބް ބިން އަބްދުﷲ މިނިވަންކޮށްފަ އެވެ. ސައުދީގެ ބައެއް ނޫސްތަކުން ބުނީ މުތުއަބް މިނިވަން ކުރީ އެއް ބިލިއަން ޑޮލަރު ސަރުކާރަށް ދިނުމުން ކަމަށެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ތިބެނީ ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގަ އެވެ.
ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި ކިންގްޑަމް ހޯލްޑިންގެ ޗެއާމަން ވަލީދުގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ.