ޖިއްދާ (މެއި 14) - ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ފަރާތުން އަމީރު ވަލީދު ބިން ތަލާލް، ފްރާންސްގެ ކްލަބެއް ކަމަށްވާ މާސޭ ގަންނަން ކުރާ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ ބޮޑު ކުންފުންޏަކަށް އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑް ވިއްކާލަން މިހާރު ވަނީ މަސައްކަތްތަށް ފަށައިފަ އެވެ. އެ ޑީލާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އާއި ފްރާންސްގެ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ މީޑިއާ ބީން ސްޕޯޓްސް އިން އަންނަނީ އަޑުއުފުލަމުންނެވެ.

އެމްނެސްޓީން ހިތްހަމަނުޖެހެނީ ސައުދީގެ އިންސާނިއްޔަތާ ހިލާފު ކަންތައްތައް ފޮރުވަން ފުޓްބޯޅައިގެ ތެރެއަށް ޝާހީ އާއިލާ އިން ވަންނަ ކަމަށް ބުނެ އެވެ. ބީން ސްޕޯޓްސްގެ ޝަކުވާ އަކީ ގަވާއިދާ ހިލާފަށް ސައުދީގައި ޕްރިމިއާ ލީގާއި އެ ނޫން ވެސް ކުޅިވަރުގެ މެޗުތައް ދައްކަނީ ޝާހީ އާއިލާގެ ފަރާތުން އެހީ ލިބިގެން ކަމަށް ބުނެ އެވެ. އަދި ނިއުކާސަލް ޑީލު ކުރިއަށް ގޮސްފިނަމަ ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސްގެ ތެރެއިން ސައުދީގެ ވިޔަފާރިތަކުން ނާޖާއިޒު ފައިދާނެގުން އިތުރުވާނެ ކަމަށް ބީން ސްޕޯޓްސް އިން ބުނެ އެވެ.

ނިއުކާސަލް ޑީލް މި ވަގުތު ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ސައުދީ ޝާހީ އާއިލާ އިން ތަލާލް މެދުވެރިކުރައްވައި މި އަންނަނީ މާސޭ ގަތުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ޔޫރަޕްގެ ފުޓްބޯޅައިގައި ސައުދީގެ ނުފޫޒު ބޮޑުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. ޕީއެސްޖީގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރީކޭ މެދުވެރިކޮށް މިހާރު ތަލާލް ވަނީ މާސޭގެ ފަރާތްތަކާއި ބައްދަލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން 250 މިލިއަން ޕައުންޑް މާސޭ ވިއްކާލަން މިހާރު ވަނީ އަގު ކިޔައިފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ސަރުކާރުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ބިން ތަލާލް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ފަހުން މުހައްމަދު ބިން ސަލްމާނުގެ އެހީތެރިކަމާ އެކު މިނިވަންވި އެވެ. ފޯބްސް މެގަޒިން އިން އެންމެ ފަހުން ނެރުނު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 45 ވަނައިގައި އޮތީ ބިން ތަލާލް އެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލް ޑީލެކޭ އެއްގޮތަށް މާސޭ ޑީލުގައި ވެސް ބޭނުންކުރަން ހަމަޖެހިފައިވަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ އެހީ އެވެ. އެ ފަންޑުގައި މިހާރު ވެސް 260 ބިލިއަން ޕައުންޑް އެބަހުއްޓެވެ. ނިއުކާސަލް ގަންނަން ހަރަދުކުރާނީ 300 މިލިއަން ޕައުންޑެވެ. ޕީއައިއެފް ފަންޑުން މި ޓީމުތަކަށް ހަރަދުކުރަން ނިންމާފައިވަނީ ސައުދީގެ "ވިޝަން 2030" ޕްރޮޖެކްޓްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެކި ގައުމުތަކުން ކްލަބްތަށް ގަނެ ގަތަރާއި ޔޫއޭއީގެ ނުފޫޒު ގަދަކުރަމުން އަންނައިރު، ސައުދީގެ "ވިޝަން 2030" ޕްރޮޖެކްޓްގެ ތެރެއިން އެ ގައުމުން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.