ރިޔާޒް (ޖެނުއަރީ 29) - ކޮރަޕްޝަނުގެ ތުހުމަތުގައި ތިން މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ދޫކޮށްލުމުން ދަރިކަނބަލުން ރީމް ބިންތު ތަލާލަށް ބޮޑު އުފަލެއް ލިބިއްޖެ އެވެ.

ބައްޕާފުޅު ވަލީދާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ރީމް ކުރެއްވި ޓްވީޓެއްގައި ވަނީ "ދުނިޔެ އުޖާލާ ކުރުވައިފި ކަމަށާއި ތިޔައީ އަހަރެންގެ ދުނިޔެ ކަމަށް" ވިދާޅުވެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ނޮވެމްބަރު މަހު ކުރީކޮޅު ހައްޔަރުކުރި 200 ވަރަކަށް މީހުންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ބޭފުޅަކީ ޕްރިންސް ވަލީދެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ ދޫކޮށްލީ ސަރުކާރާ އެކު މާލީ އެއްބަސްވުމަކަށް އައުމުންނެވެ. ނަމަވެސް އެއްވެސް ފަރާތަކުން ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި ޕްރިންސް ވަލީދުގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ ސަރުކާރުން ވަނީ ވަލީދު އަތުން ހަ ބިލިއަން ޑޮލަރު ހޯދަން ޑިމާންޑް ކޮށްފަ އެވެ.