ރިޔާޒް (ޖެނުއަރީ 28) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން ނޮވެމްބަރު މަހު ހައްޔަރު ކުރި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް މިނިވަން ކުރުމަށް ހަ ބިލިއަން ޑޮލަރު ސައުދީ ސަރުކާރުން ޑިމާންޑް ކުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ވަލީދު އިއްޔެ މިނިވަންކޮށްފައިވާ އިރު އޭނާ ދެއްކީ ކިހާ ފައިސާއެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަލީދު މިނިވަން ކޮށްފައި ވަނީ "އެއްބަސްވުމެއްގެ" ދަށުންނެވެ.

ފޯބްސް އިން އަންދާޒާ ކޮށްފައިވާ ގޮތުގައި ވަލީދުގެ މިލްކިއްޔާތު 17 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ ދުނިޔޭގައި 45 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި 200 ވަރަކަށް މީހުންގެ ތެރޭން ގިނަ މީހުން ސަލާމަތްވެފައި ވަނީ ސަރުކާރަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުންނެވެ. ނުވަތަ އެ މީހުންގެ ވިޔަފާރީގެ ހިއްސާގެ ބައެއް ސަރުކާރަށް ދޫކޮށްލުމުންނެވެ.

ޕްރިންސް ވަލީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތާއި މަނީ ލޯންޑްރިން ހިމެނެ އެވެ. ބައެއް ރިޕޯޓްތައް ކުރިން ބުނި ގޮތުގައި އެއްވެސް ފައިސާއެއް ސަރުކާރަށް ދިނުމަށް ވަލީދު ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ފައިސާ ދީފި ނަމަ ކުށަށް އިއުތިރާފްވީ ކަމަށް އޭނާ ގބޫލް ކުރައްވާތީ އެވެ. ވަލީދުގެ ގާތް ބައެއް ފަރާތްތަކުން ވެސް ބުނެފައި ވަނީ ވަލީދު ބޭނުންވީ އިންސާފުވެރި ތަހުގީގެއް ހިންގަން ކަމަށެވެ.

ވަލީދު މިނިވަން ކުރުމަށް ހަ ބިލިއަން ޑޮލަރަށް ސައުދީ ސަރުކާރުން ޑިމާންޑް ކުރި ކަމަށް ރިޕޯޓްކޮށްފައި ވަނީ ވޯލް ސްޓްރީޓް ޖާނަލް އިންނެވެ.

ސަރުކާރަށް އެއް ބިލިއަން ޑޮލަރު ދެއްކުމަށް ފަހު، ކުރީގެ ރަސްގެފާން އަބްދުﷲ ގެ ދަރިކަލުން ޕްރިންސް މުތައަބް ވަނީ މިދިޔަ މަހު މިނިވަންވެފަ އެވެ. މެދުއިރުމަތީގެ އެންމެ ބޮޑު ޓީވީ ނެޓްވޯކް އެމްބީސީގެ ޗެއާމަން ވަލީދު އަލް އިބްރާހިމް އާއި ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވާޖިރީ ވަނީ އިއްޔެ ހެނދުނު މިނިވަންކޮށްފަ އެވެ.

ނިއު ޔޯކް ޓައިމްސް އަށް މިދިޔަ މަހު ދެއްވި އިންޓަވިއުއެއްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވަނީ ސަރުކާރުގެ ފައިސާގެ 10 ޕަސެންޓް ކޮރަޕްޝަނުގެ ގޮތުގައި ގެއްލިފަ އެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ 95 ޕަސެންޓް މީހުން ވަނީ ސަރުކާރަށް ފައިސާ ދެއްކުމަށް އެއްބަސްވެފައި ކަމަށް މުހައްމަދު ވިދާޅުވެފައިވެ އެވެ.

"އެއް ޕަސެންޓް މީހުން ބުނަނީ އެ މީހުންނަކީ ކުށެއް ނެތް މީހުން ކަމާއި މައްސަލަ ވަގުތުން ނިންމަން ޖެހޭ ކަމަށް. އަދި ހަތަރު ޕަސެންޓް މީހުން ބޭނުން ބުނަނީ އެއީ ކޮރަޕްޓް ބައެއް ނޫން ކަމަށާއި އެ މީހުން ބޭނުން ވަނީ ވަކީލުން މެދުވެރިކޮށް ކޯޓަށް ދާން ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.

ވަލީދު ވިދާޅުވެފައި ވަނީ އޭނާ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކޮށްފައި ހުރި ނަމަވެސް ކަންތައް ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ހޮޓަލުގައި ވަލީދަށް މަސައްކަތް ކުރެވޭނެ ގޮތަށް ގާއިމްކޮށްފައި ހުރި ޕްރައިވެޓް އޮފީހާއި ކާ ކޮޓަރާއި ބަދިގެ އަދި ނިދާ ކޮޓަރި ވަނީ އޭނާ ރޮއިޓާސް އަށް ދައްކާލައިފަ އެވެ. ވަލީދު ހުންނެވީ ރިޒް ކާލްޓަންގެ އެންމެ އަގު ބޮޑު ކޮޓަރީގަ އެވެ. ވަލީދު ވިދާޅުވެފައި ވަނީ އެ ތަންތަން މީޑިއާ އަށް ދައްކަން ނިންމީ އޭނާއާ މެދު ކަންތައް ކޮށްފައި ވަނީ ރަނގަޅަށްކަން ދެއްކުމަށް ކަމަށެވެ.

ދޫކޮށްލި ނަމަވެސް ދިރިއުޅުއްވާނީ ސައުދީގައި ކަމަށް ވަލީދު ވިދާޅުވި އެވެ. އަދި އޭނާގެ ވިޔަފާރީގެ ކޮންޓްރޯލް ނުގެއްލޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަށް ފައިސާ ދޭން އެއްބަސް ނުވާ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ފަހު އެ މީހުން ދެން ބަދަލު ކުރާނީ ޖަލަށެވެ. ބަންދުގައި މީހުން ތިބި ރިޒް ކާލްޓަން ހޮޓާ ވަނީ އަންނަ މަހު 14 އިން ފެށިގެން ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ނިންމައިފަ އެވެ.