ރިޔާޒް (މާޗް 23) - ކޮރަޕްޝަނުގެ ތުހުމަތުގައި ތިން މަހެއްހާ ދުވަހު ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިނިވަންވީ ސަރުކާރާ އެކު ސިއްރު އެއްބަސްވުމެއް ގާއިމްކޮށްގެން ކަމަށް ކިންގްޑަމް ހޯލްޑިންސްގެ ޗެއާމަން އަދި މަޝްހޫރު ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލް ވިދާޅުވެއްޖެ އެވެ.

ނަމަވެސް އެ އެއްބަސްވުމާ ބެހޭ އެއްވެސް ތަފްސީލެއް ދެއްވަން ޕްރިންސް ވަލީދު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"އެއީ ސިއްރު އެއްބަސްވުމެއް ކަމަށް ދެންނެވުމުން އެކަމަށް އިހްތިރާމް ކުރަން ޖެހޭނެ. ސަރުކާރާއި އަޅުގަނޑާ ދެމެދު އެ އަންޑަސްޓޭޑިން އެބައޮތް،" ބްލޫމްބާގު ޓީވީ އަށް ދެއްވި އިންޓަވިއުގައި ވަލީދު ވިދާޅުވި އެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު ހައްޔަރު ކުރި ޕްރިންސް ވަލީދު ދޫކޮށްލީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި "ހައްޔަރުކުރި" ކަމަށް ވަލީދު އެއްބަސްވެވަޑައި ނުގަންނަވަ އެވެ. ވަލީދު ވިދާޅުވީ ސަހަރާގައި ހުންނަ އޭނާގެ ކޭމްޕުގައި ހަފުތާ ބަންދު ހޭދަކުރައްވަނިކޮށް ފޯނުން ގުޅާ ރަސްގެފާނުގެ ގަނޑުވަރަށް ދިއުމަށް އެންގެވި ކަމަށެވެ. އަދި ގަނޑުވަރަށް ދިއުމުން ރިޒް ކާލްޓަން ހޮޓަލަށް ފޮނުވީ ކަމަށް ވިދާޅުވި އެވެ.

ފަސް ތަރީގެ ހޮޓަލުގައި ވަލީދު ހުންނެވީ ރަސްރަސްކަލުން ވެސް ތިއްބަވާ އެންމެ އަގުބޮޑު ކޮޓަރީގަ އެވެ. ޓީވީ ބެލޭ ކަމަށާއި ކަސްރަތު ކުރެވޭ ކަމަށާ އަދި އެންމެ ރަނގަޅު ކާނާ ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި އާއިލާގެ މެންބަރުންނާއި ކުންފުނީގެ ވެރިންނަށް ފޯނު ކުރެވޭ ކަމަށް ވެސް ވަލީދު ވިދާޅުވި އެވެ. ފަސް ވަގުތު ނަމާދު ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ޕްރިންސް ވިދާޅުވި އެވެ.

ހޮޓަލުގައި ތިބި މީހުންނަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ވަލީދު ދޮގު ކުރައްވަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތަށް ގެންދިޔަ ގިނަ މީހުން މިނިވަންކޮށްފައި ވަނީ ސަރުކާރަށް ފައިސާ ދެއްކުމުންނެވެ. ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބުނު ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ. ޕްރިންސް ވަލީދު ވެސް މިނިވަން ކުރީ ހަ ބިލިއަން ޑޮލަރު ދެއްކުމުން ކަމަށް އަޑު ފެތުރިވެފައިވެ އެވެ. ނަމަވެސް ވަލީދު ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

ވަލީދު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އޭނާގެ ވިޔަފާރި ފުޅާކޮށް އިތުރަށް އިންވެސްޓްކުރާނެ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގައި އޭނާ އަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

ބޮޑުބޭބޭފުޅު ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާއި ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި ވަލީ އަހުދު މުހައްމަދަށް ގިނައިން މެސެޖް ކުރައްވާ ފޯނުން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވި އެވެ. އަދި ރިޒް ކާލްޓަންގައި ހިނގާ ދިޔަ ކަންތައް ހަނދާން ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސް ވަލީދުގެ މިލްކިލްޔާތުގައި 17 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.