ބައި މީހެއްގެ ހިތްވަރަށް ވެސް ޔަހޫދީ ސިފައިންނަށް ކެތެއް ނުކުރެވުނު

މަރާ ބައްދަލުވުމަށް ވުރެ ބޮޑަށް މި ދުނިޔެމަތިން ޔަހޫދީން ބިރު ގަންނަ ކަމެއް ނޯވެ އެވެ. ފަލަސްތީނުގެ އާންމު ރައްޔިތުން ހުސް އަތާ މަގެއް މައްޗަށް އެއްވިޔަސް، އެއީ ޔަހޫދީންނަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. ކުޑަކުދިން، އަންހެނުން ނުވަތަ މުސްކުޅިންތަކެއް ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލަން ފެށިޔަސް، ޔަހޫދީ ސިފައިންނަށް ކެތެއް ނުކުރެވެ އެވެ.


އެހެންކަމުން ފަލަސްތީނު ރައްޔިތުންނާ ކުރިމަތިލާން ޔަހޫދީ ސިފައިން ކޮންމެ ފަހަރަކުމެ ނުކުންނާނީ ފުރިހަމަ ހަތިޔާރާ އެކުގަ އެވެ. ފަލަސްތީނުގެ އާންމު ރައްޔިތުންގެ އަތުގައި ހަތިޔާރު ނެތެއް ކަމަކު، އިޒްރޭލު ސިފައިންގެ ކުރިމައްޗަށް ނުކުންނަށް އެއްވެސް ޖެހިލުމެއް ނުވެ އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް އދ. އިން ނިންމި ހިނދުން ފެށިގެން މިއަދާ ހަމައަށް ވެސް ފަލަސްތީނު ރައްޔިތުންގެ ހިތްތަކުގައި އޮތީ ހިތްވަރާއި އަޒުމެވެ. ކެރުމާއި ޖެހިލުން ކުޑަ ކަމެވެ. ފަލަސްތީނުގެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކު ދުނިޔެއަށް ނޭވާލާން ފަށަނީ، ޔަހޫދީ ސިފައިންގެ ހަމަލާތަކުގެ ތެރެއަށެވެ. ބަޑީގެ އަޑުތަކާއި ބޮން ގޮއްވާ އަޑާއި މިސައިލާއި ރޮކެޓް ހަމަލާތަކުގެ އަޑުފައްގަނޑުގެ ތެރެއަށެވެ.

މީގެ 29 އަހަރު ކުރިން 1988 ވަނަ އަހަރު އިބްރާހީމް އަބޫ ސުރައްޔާ ދުނިޔެއަށް ނޭވާ ލާން ފެށީއްސުރެ އޭނާގެ ކަންފަތް ވެސް ހޭނެމުން ދިޔައީ އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަޑަށެވެ. ލޮލަށް ފެންނަމުން ދިޔައީ އެ ހަމަލާތަކާއި އެ ހަމަލާތަކުގައި ކޮންމެ ވެސް މީހަކު ޝަހީދުވެގެން ޖަނާޒާ ބާއްވާ މަންޒަރެވެ. މައިންގެ ލޯތަކުން ފެންނަމުން ދިޔައީ ދަރިންނާއި ފިރިން ގެއްލިގެން ދިޔުމުން އޮހޮރެމުން ދިޔަ ކަރުނަ އެވެ.

ހެލިފެލިވެ އުޅެވެން ފެށީއްސުރެ، އެއް ފުރާގެ ކުދިންނާ އެކު ޔަހޫދީ ސިފައިންނާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާން ފެށި އެވެ. ހުސް ވަގުތުތަކުގައި އިޒްރޭލު ސިފައިންނަށް އޮއްގައު އުކަމުން، އާއިލާގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި މަސްވެރިކަން ކުރުމުގެ އިތުރުން ޣައްޒާގެ މަގުތަކަށް ނުކުމެ ކާރު ސާފުކޮށްދިނުމުގެ މަސައްކަތް ކޮށް އުޅުނެވެ.

އަބޫ ސުރައްޔާއަކީ، ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގައި މުޅި ޣައްޒާ އަށް ވެސް ނަން ހިނގާފައިވާ ޒުވާނެކެވެ. އޭނާގެ ހަޔާތް އެކޮޅުކޮޅުން ޖެހިގެން ދިޔައީ، 2008 ވަނަ އަހަރު އިޒްރޭލު ސިފައިން ޣައްޒާގައި 22 ދުވަސް ވަންދެން ހިންގި އުދުވާނުގައި އޭނާގެ އުނަގަނޑުން ތިރި އެކުގައި ވަކިވެގެން ދިޔަ ހިސާބުންނެވެ. އެ އުދުވާނުގައި ފަލަސްތީނުގެ 1،400 މީހުން ޝަހީދުވެ އެތައް ހާސް ބަޔަކު ޒަޚަމްވި އެވެ.

ފުރޮޅުލީ ގޮނޑީގައި އިނދެ އަބޫ ސުރައްޔާ އެއް އަތުން ފަލަސްތީނުގެ ދިދަ އަނެއް އަތުން ކާމިޔާބީގެ ނިޝާން އިޒްރޭލު ސިފައިންނަށް ދައްކަނީ.

އެ އުދުވާނާ ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން އަބޫ ސުރައްޔާ މަޝްހޫރު ވެގެން ދިޔައީ، ޣައްޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދުގައި އިޒްރޭލު ސިފައިން ނަގާފައި ހުރި އިޒްރޭލުގެ ދިދަ ބާލައި އޭގެ ބަދަލުގައި ފަލަސްތީނުގެ ދިދަ އެ ދަނޑި އަށް ނެގި ހިތްވަރު ގަދަ ޒުވާނާގެ ގޮތުގަ އެވެ.

ފަލަސްތީނުގެ ދިދަ ބޭލުމަށް ފަހު އެ ސަރަހައްދުން ދުރަށް ދަނިކޮށް އިޒްރޭލުގެ ހެލިކޮޕްޓަރުތައް އަބޫ ސުރައްޔާ އާއި އޭނާގެ އެކުވެރިންނާ ކުރިމަތިލި އެވެ. ހެލިކޮޕްޓަރުތަކުން ދިން ހަމަލާތަކުގައި އަބޫ ސުރައްޔާގެ ގާތް އެކުވެރިންތައް މި ދުނިޔެ ދޫކުރި އެވެ. ޒަޚަމްވެފައި އޮތް އަބޫ ސުރައްޔާ ހޮސްޕިޓަލުގައި އޮވެ ހޭވެރިކަން ވި އިރު، އޭނާގެ އުނަގަނޑުން ތިރި ނެތް ކަން އެނގުނެވެ.

ދެފައި އެކުގައި ޗިސްޗިސްވެ ބޭނުން ނުކުރެވޭ ވަރު ވުމުން، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބުރިކޮށްލަން މަޖުބޫރުވީ އެވެ. އެ ހަމަލާތަކުގައި އޭނާގެ އެތެރެހަށީގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެއް ކިޑްނީ ޒަޚަމްވެގެން ހަށިގަނޑާ ވަކިކުރަން ޖެހުނެވެ.

އަބޫ ސުރައްޔާ އިޒްރޭލާ ދެކޮޅު މުޒާހަރާގައި ބައިވެރިވުމުން އޭނާ އިން ސަރަހައްދަށް އިޒްރޭލު ސިފައިން ކަރުނަގޭސް ޖަހާފައި.

އެއަށް ފަހު އޭނާ އުޅެމުން އައީ ހަށިގަނޑުގެ އެއްބަޔާއި އެއް ކިޑްނީއާ އެކުގަ އެވެ. ނަމަވެސް އޭނާގެ ހިތްވަރާއި އަޒުމަކަށް ބަދަލެއް ނައެވެ. ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، އަނެއްކާ ވެސް އިޒްރޭލާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވާން ފެށި އެވެ. އޭގެ ފަހުން އޭނާ މަޝްހޫރުވެގެން ދިޔައީ ފުރޮޅުލީ ގޮނޑީގައި މުޒާހަރާ ކުރާ ޒުވާނާގެ ގޮތުގަ އެވެ.

ފަލަސްތީނުގެ ޒުވާނުންނާ އެކު ކޮންމެ ދުވަހަކު އިޒްރޭލުގެ ބޯޑަރު ކައިރި އަށް ގޮސް، ފަލަސްތީނު ދިދައެއް ހިފައިގެން ފުރޮޅުލީ ގޮނޑީގައި އިނދެ އިޒްރޭލު ސިފައިންނާ ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖް ކުރެ އެވެ. ކިތަންމެ އިރެއް ވިޔަސް ވަރުބަލިވެގެން އެނބުރި ގެއަށް އައުމެއް ނޯވެ އެވެ. އޭނާ އެނބުރި ގެއަށް އަންނާނީ އެހެން ޒުވާނުންނާ އެކުގަ އެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގެން ތިބި ޔަހޫދީންނާއި އިޒްރޭލު ސިފައިން ދެކެ އިންތިހާ އަށް ރުޅިއަރާ އަބޫ ސުރައްޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރާނެ ކަން، މި މަހުގެ 6 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

އިޒްރޭލު ސިފައިންގެ ހަމަލާތަކުން ސަލާމަތް ކުރުމަށްޓަކައި ފަލަސްތީނުގެ ޒުވާނަކު އަބޫ ސުރައްޔާ ނަގައިގަނެގެން ގެންދަނީ

އެ އަޑު އިވުމާ އެކު ބޭއިޚްތިޔާރުގައި އަބޫ ސުރައްޔާ އަށް ބުނެވުނެވެ؛ "އެ ގަރާރު ދާނީ ނަރަކަ އަށް. ގުދުސަކީ ފަލަސްތީނުގެ ދާއިމީ ވެރިރަށް."

އެ ދުވަހުން ފެށިގެން ފަލަސްތީނު ރައްޔިތުން އިޒްރޭލު ސިފައިންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އަބޫ ސުރައްޔާ ކޮންމެ ދުވަހަކު ބައިވެރިވެ އެންމެ ކުރީ ސަފުގައި ސާބިތުކަމާ އެކު ފަލަސްތީނުގެ ޒުވާނުންނަށް ހިތްވަރުދެ އެވެ. ނަމަވެސް ހަށިގަނޑުގެ އެއްބައި ދުއްވައިލުމުން ވެސް ހިތްވަރާ އެކު ނުކުމެ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލާ އެ ޒުވާނާ ފެނުމަކީ ޔަހޫދީ ސިފައިންނަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އަބޫ ސުރައްޔާ ހެނދުނު ހެނދުނާ ނުކުމެ އިޒްރޭލު ސިފައިންނާ ދެކޮޅަށް އަޑު އުފުލަން ފެށި އެވެ. އެ ދުވަހު އިޒްރޭލުގެ ރައްދު ހަމަލާތައް ކުރީ ދުވަސްތަކަށް ވުރެ ވަރުގަދަ އެވެ. އިޒްރޭލު ސިފައިންގެ ބަޑި ޖަހަން ފެށުމާ އެކު، ފަލަސްތީނުގެ ޒުވާނުންތައް ސަލާމަތް ވާން ދުވެގަނެ އެވެ.

އޭގެ ބަދަލުގައި އަބޫ ސުރައްޔާ އޭނާގެ އަތުގައި އޮތް ފަލަސްތީނުގެ ދިދަ ވިހުރުވަމުން އަނެއް އަތުން ކާމިޔާބީގެ ނިޝާން ދައްކަމުން ސާބިތުކަމާ އެކު އެ ތަނުގައި އިނދެ އެވެ. އަދި ހަމަލާތައް ހުއްޓުމާ އެކު ކުރިއަށް ޖެހި އިޒްރޭލު ސިފައިންނާ މުޚާތަބު ކުރެ އެވެ.

އަބޫ ސުރައްޔާގެ ޖަނާޒާގައި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.

"މި ބިމަކީ އަހަރެމެންގެ ބިމެއް. އަހަރެމެން ދުވަހަކު ވެސް ކަލޭމެންނަކަށް އަމާނެއް ނުދޭނަން. ގުދުސާ ބެހޭ ގޮތުން އެމެރިކާ ނިންމި ނިންމުން އަނބުރާ ގެންދަންޖެހޭނެ،" މިދިޔަ ހުކުރު ދުވަހު އިޒްރޭލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯއެއްގައި އަބޫ ސުރައްޔާ، އިޒްރޭލު ސފައިންނާ މުޚާތަބުކޮށް ހަރުއަޑުން ގޮވަމުން ދިޔަ އަޑު އިވެ އެވެ.

އިޒްރޭލު ސިފައިން ބަޑިޖަހަން ފެށުމުން ފަލަސްތީނުގެ ޒުވާނުންތައް ފިލަން ދުވި އިރު ވެސް، އެ ތަނުން ދުރަށް ނުގޮސް އެޒުވާނުން އެނބުރި އައިސް އިޒްރޭލު ސިފައިންނާ ކުރިމަތިލުމަށް ގޮވައި ހިތްވަރު ދޭން އަބޫ ސުރައްޔާ، ފުރޮޅުލީ ގޮނޑީގައި އިން އިރު، ދުރުގައި ހުރި އިޒްރޭލު ސިފައިންގެ ސްނައިޕަރެއްގެ ރައިފަލްގެ ދުރުމިން އެ މަންޒަރު ވަރަށް ރީއްޗަށް ފެނެ އެވެ.

އެ ސްނައިޕަރުގެ ރައިފަލް އަމާޒުކޮށްލި އިރު ވެސް، އެއީ މީގެ ނުވަ އަހަރު ކުރިން އިޒްރޭލު ސިފައިން ހަމަލާދީ ހަށިގަނޑުގެ އެއްބައި ވަކިކޮށްލި އަބޫ ސުރައްޔާ ކަން އެނގެ އެވެ. ނަމަވެސް ރަނގަޅަށް ހަމަޖެހިލުމަށް ފަހު، ރައިފަލުން ވަޒަނެއް ފޮނުވައިލި އެވެ. އަބޫ ސުރައްޔާގެ ވާތް ފަރާތު ލޮލާ ދިމާލުން ނިތްކުރި ފޫއަޅުވާލާފައި އެ ވަޒަން ވަދެގެން ދިޔައިރު ވެސް، އޭނާގެ އަތުގައި އޮތް ފަލަސްތީނުގެ ދިދަ ވެއްޓުނަކަ ނުދެ އެވެ.

އަބޫ ސުރައްޔާގެ ޖަނާޒާ: އޭނާގެ ވާތު ލޯ ކައިރިން ނިތްކުރި އަށް ވަޒަން އެރި ތަން ފެނޭ.

އަބޫ ސުރައްޔާގެ ބޮލަށް ވަޒަން އަރައި ޒަޚަމްވުމާ އެކު، ކައިރީގައި ތިބި ޒުވާނުންތައް އަބޫ ސުރައްޔާ އޭނާ އިން ގޮނޑީގައި ދުއްވާފައި އެ ސަރަހައްދުން ދުރަށް ގެންދަން ފެށި އެވެ. ނަމަވެސް އިސާހިތަކު އޭނާ ޚަބަރު ހުސްވާގޮތް ވުމުން، ޒުވާނަކު އޭނާ ނަގައިގަނެގެން އެމްބިއުލާންސަކަށް ގެންދިޔަ އެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާއެއްގައި އަބޫ ސުރައްޔާގެ ހަށިގަނޑުގެ އެއްބައި ނެތިކޮށްލިޔަސް، އޭނާގެ ލޭގައި ހިނގަހިނގާ ހުރި މިނިވަންކަމުގެ ވިންދަށް ބަދަލެއް ނައެވެ. އެންމެ ފަހުން އޭނާގެ ފުރާނަ ހަށިގަނޑާ ވަކިކޮށްލި އިރު، ވެސް އެ މިނިވަންކަމުގެ ދިދަ އޭނާއާ ވައްކެއް ނުވެ އެވެ. އޭނާގެ ފުރާނަ ނެތް ހަށިގަނޑު ގެންދިޔަ އިރު، ވަށައިގެން އެއްވެ ތިބި މީހުން ގޮވަމުން ދެ އެވެ؛ އަހަރެމެންގެ ފުރާނަ އާއި ލެއިން ތިޔަ ޝަހީދަށްޓަކައި ފިދާ ވާނަމެވެ.