ފަލަސްތީނުގެ މުޒާހަރާތައް ފުޅާވެ ހުޅަނގު އައްސޭރީގެ ދެ ސަހަރެއް ބަންދުކޮށްފި

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަން ފަށާފައިވާ މުޒާހަރާތައް ފުޅާވެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، ހުޅަނގު އައްސޭރީގައިވާ ދެ ސަހަރެއް އިޒްރޭލު ސިފައިން އިއްޔެ އިން ފެށިގެން ބަންދުކޮށްލައިފި އެވެ.


އެއީ ހުޅަނގެ އައްސޭރީގެ ރާމަﷲ އާއި އަލްބީރާ އެވެ. މި ދެ ރަށަކީ ހުޅަނގު އައްސޭރީގެ މެދުތެރޭގައިވާ ސަހަރުތަކާއި ހުޅަނގު އައްސޭރީގެ އުތުރުގައިވާ ސަހަރުތައް ގުޅުވައިދޭ މައި މަގެވެ. އިޒްރޭލު ސިފައިން ބުނި ގޮތުގައި އެ ދެ ސަހަރު ބަންދުކޮށްލީ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

ފަލަސްތީނު ރައްޔިތުން ހުޅަނގު އައްސޭރި އާއި ޣައްޒާގައި މިހާރު ކުރަމުންދާ މުޒާހަރާތައް ފެށުނީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމި ކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މި މަހުގެ 6 ވަނަ ދުވަހު ރަސްމީކޮށް އިއުލާން ކުރެއްވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ހުޅަނގު އައްސޭރީގެ ނާބުލްސްގައި އިއްޔެ ކުރި މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހަކު ޒަޚަމްވި އެވެ. އިއްޔެގެ ހަމަލާތަކުގައި އިޒްރޭލު ސިފައިން ރަބަރު ވަޒަނުގެ އިތުރުން އަސްލު ވަޒަން ވެސް ބޭނުންކޮށްފައި ހުރި ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން އިއްޔެ ކުރި މުޒާހަރާއެއް ރޫޅައިލުމަށް ފަހު، ފަލަސްތީނުގެ ދިދައެއް އަތުލައިގަނެގެން އިޒްރޭލު ދަނީ.

ހުޅަނގު އައްސޭރީގެ ބައިތު ލަޙްމުގައި އިއްޔެ ކުރި މުޒާހަރާ، އިޒްރޭލު ސިފައިން ރޫޅައިލީ ވަރަށް ގިނަ އަދަދަކަށް ކަރުނަގޭސް ޖަހައި ރަބަރު ވަޒަން ވެސް ބޭނުންކޮށްގެންނެވެ. އެހެންކަމުން ގޭހުގެ ސަބަބުން ކޮށިއަރައި ނޭވާ ހާސްވެގެން ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

އިއްޔެ ހުޅަނގު އައްސޭރީގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ ޒަޚަމްވި އެވެ. އަދި އިރުމަތީ ޣައްޒާގެ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލި އެވެ.

ގުދުސްގެ މައްސަލައިގައި މިހާރު ފަށާފައިވާ މުޒާހަރާތައް ހުއްޓުވުމަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުން އަދަދު މިހާރު ވަނީ 14 އަށް އަރައިފަ އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުމަކީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަނޑައެޅުމެއް ކަމަށް ބަޔާންކޮށް، މި މަހުގެ 18 ވަނަ ދުވަހު މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމަޖިލީހުގެ 14 މެމްބަރުން ތާއީދު ކުރި އިރު އެމެރިކާ އިން ވަނީ ވީޓޯގެ ބޭނުންކޮށް ބާތިލު ކޮށްލައިފި އެވެ.

އޭގެ ފަހުން ހަމަ އެ މައްސަލައިގައި ޔަމަނުން، މި މަހުގެ 21 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު 128 ގައުމުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ އެވެ. ޔަމަނުން ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ ނުވަ ގައުމެކެވެ. އަދި 35 ގައުމެއް މި ވޯޓުގައި ބައިވެރި ނުވެ އެވެ.

އިނގިރޭސީންގެ ބާރުގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންނަށް ގާއިމުކޮށްދިން ދައުލަތުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ބުނަމުން އަންނަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށާއި ގުދުސަކީ ބައިބައި ނުކުރެވޭނެ ބިމެއް ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އެ ނިންމުން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއް ނުގަނެ އެވެ. (އަލް ޖަޒީރާ)