ފިލިޕީންސްގެ ތޫފާނުގައި 180 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ފިލިޕީންސްގެ ދެކުނު ސަރަހައްދަށް އެރި ބާރުގަދަ ތޫފާން ޓެމްބިންގައި އެ ގައުމުން 180 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.


ބީބީސީ ބުނާ ގޮތުގައި ތޫފާންގެ ކޮޅިގަނޑުގެ ތެރޭގައި އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ މިންޑަނާއޯ ޖަޒީރާއަށެވެ. އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، ބައެއް ސަރަހައްދުތަކުގައި ވަނީ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތަކެއް ވެސް ހިނގައިފަ އެވެ.

އެ ޖަޒީރާ އިން އެންމެ ބޮޑަށް ގެއްލުން ލިބުނީ ޓުބޮޑް އަވަށާއި ޕިއަގާޕޯ ކިޔާ އަވަށަށެވެ. އެ ދެ އަވަށުގެ ބައެއް ގެތައް ވަނީ، އުސް ސަރަހައްދުތަކުން ފޭބި ކިސަޑާއި ގަލުގެ ތެރޭގައި ވަޅުލެވިފަ އެވެ.

ޓެމްބިން ތޫފާން ފިލިޕީންސްގެ ދެކުނު ސަރަހައްދަށް އެރި އިރު ވައި ހުރީ ގަޑިއަކު 80 ކިލޯމީޓަރު ބާރުމިނުގަ އެވެ. މިންޑަނާއޯ ޖަޒީރާ ހުރަސްކޮށް ރިސޯޓް ރަށެއް ކަމަށްވާ ޕަލަވާން އަށް އެރުމަށް ފަހު، މިއަދު ހެނދު ތޫފާންގެ މިސްރާބު ހުރީ ހުޅަނގަށެވެ.

ފިލިޕީންސް ސަރަހައްދުގައި އުފެދުނު މި ތޫފާން އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އަރައިފާނެ ކަމަށް އިއްޔެ ވަނީ ދުރާލައި އިންޒާރު ދީފަ އެވެ. އަދި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގައި އިއްޔެއިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފަ އެވެ.

ތޫފާންގެ ކޮޅިގަނޑުގެ އަސަރު މިހާރު މަޑުވެފައިވާ އިރު، ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުން މިހާރު ދަނީ، ވެއްޓިފައިވާ ގެތަކާއި ފައިބައިފާ ކިސަޑާއި ވެލިތަކުގެ ތެރެއިން މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑި ފޯނުގެ ޚިދުމަތް ވެސް ކެނޑިފައިވަތީ މީހުން ހޯދުމުގެ މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށް ފިލިޕީންސް ސަރުކާރުން ބުނެ އެވެ.

ޔުނިސެފުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ނަޖިހާ އެކުވެފައިވާތީ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ޔުނިސެފުން ގޮވައިލަ އެވެ.

މީގެ ހަފުތާއެއް ކުރިން ފިލިޕީންސްގެ މެދުތެރޭ ސަރަހައްދަށް ވެސް ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެ ގިނަ ގެތަކެއް ހަލާކުވި އެވެ. މި ފަހަރު ތޫފާން އެރި ސަރަހައްދަކީ 2013 ވަނަ އަހަރު އެރި ހައިޔާން ތޫފާންގައި ބޮޑެތި ގެއްލުންތަކެއް ލިބި 5،000 އަށް ވުރެ ގިނަ މީހުން މަރުވި ސަރަހައްދެކެވެ. އެ ތޫފާނުގައި ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވެ އެވެ.