ގުއަޓެމާލާގެ އެމްބަސީ ވެސް ގުދުސަށް ބަދަލުކުރަނީ

އިޒްރޭލުގައި ހުންނަ ގުއަޓެމާލާގެ އެމްބަސީ ވެސް ގުދުސަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް ޖިމީ މޮރާލޭސް އިއްޔެ ވިދާޅުވެއްޖެ އެވެ.


މިއީ ގުދުސަށް އެމެރިކާގެ އެމްބަސީ ބަދަލުކުރަން ނިންމި ނިންމުމަށް ތާއީދު ކޮށް އެ މަގުން ހިނގަން ފެށި ފުރަތަމަ ގައުމެވެ. އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބައިނަލްއަގުވާމީ މުޖްތަމައުގައި ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއާ ވާހަކަ ދެއްކެވުމަށް ފަހު، މޮރާލޭސް ގުއަޓެމަލާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި އޭނާގެ ފޭސްބުކް ޕޭޖްގައި އިއްޔެ ލިޔުއްވާފައިވެ އެވެ؛ އެންމެ މުހިންމު އެއް މައުލޫއަކީ ގުއަޓެމާލާގެ އެމްބަސީ ތެލް އަބީބުން ގުދުސަށް އަލުން އަނބުރާ ގެންދިއުން."

"މި ސަބަބަށްޓަކައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ދަންނަވަނީ، އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައް ފެށުމަށް ފޮރިން މިނިސްޓްރީ އަށް މިހާރު ވާނީ އަޅުގަނޑު އިރުޝާދު ދީފައި،" މޮރާލޭސް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބަޔާންކުރާ ގަރާރެއް، މި މަހުގެ ކުރީކޮޅު އދ.ގެ ސަލާމަތީ މަޖިލީހަށް މިސްރުން ހުށަހެޅުމުން އެ މަޖިލީހުގެ ހުރިހާ މެމްބަރުން އެ ގަރާރަށް ތާއީދު ކުރި އިރު، އެމެރިކާ އިން ވީޓޯ ކޮށް އެ ގަރާރު ވަނީ ބާތިލު ކޮށްލައިފަ އެވެ.

އެއާ ވިދިގެން މި މަހުގެ 21 ވަނަ ދުވަހު، ޔަމަނުން އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި އެ ދުވަހު ފާސްކުރީ 128 ގައުމުގެ ތާއީދާ އެކުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ ގައުމެކެވެ. އަދި 35 ގައުމެއް ވޯޓުގައި ބައިވެރި ނުވެ އެވެ.

އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި މުޒާހަރާތައް ކުރި އެވެ. އަދި ފަލަސްތީނުގެ ރަށްތަކުގައި މިހާރު ވެސް ދަނީ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ.

އިނގިރޭސީންގެ ބާރުގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންނަށް ގާއިމުކޮށްދިން ދައުލަތުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ބުނަމުން އަންނަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށާއި ގުދުސަކީ ބައިބައި ނުކުރެވޭނެ ބިމެއް ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އެ ނިންމުން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއް ނުގަނެ އެވެ. (އަލް އަރަބިއްޔާ)