ސައުތު ޗައިނާ ކަނޑުގައި އެމެރިކާގެ މަނަވަރެއް ވަނީ ގަވާއިދާޚިލާފުވެފައި: ޗައިނާ

ބެއިޖިން (ޖެނުއަރީ 21) - ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ މަނަވަރެއް ގަވާއިދާޚިލާފުވެފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.


ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޔޫއެސްއެސް ހޮޕާ މަނަވަރު ވަނީ ސައުތު ޗައިނާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ހުއަންގިޔަން އައިލެންޑާ 12 މޭލަށް ކައިރިކޮށްފައި ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވެސް ވަނީ އެ މަނަވަރު އެ ސަރަހައްދަށް ވަންކަން ޔަގީންކޮށްދީފަ އެވެ. އެމެރިކާގެ އޮފިޝަލުން ބުުނެފައި ވަނީ މަނަވަރު ހަރަކާތްތެރިވެފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ޕެންޓަގަނުން ވެސް ބުނެފައި ވަނީ އެއީ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން މަނަވަރުތައް ކުރާ ދަތުރުތައް ކަމަށެވެ.

"އެމެރިކާގެ ހުރިހާ މަނަވަރެއް ވެސް ހަރަކާތްތެރި ވާނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި،" ޕެންޓަގަންގެ ތަރުޖަމާން ލެފްޓިނެންޓް ކާނަލް ކްރިސްޓޮފާ ލޮގާން ވިދާޅުވި އެވެ.

އެމެރިކާގެ މަނަވަރެއް ސައުތު ޗައިނާ ކަނޑުގެ ރަށްތަކާ ކައިރިކޮށްފައި މި ވަނީ ނޯތު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ޗައިނާގެ އެހީ ހޯދަން ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލޫ ކަން ވިދާޅުވީ އެމެރިކާގެ މަނަވަރުން ވަނީ ޗައިނާގެ މިނިވަން ކަމަށާއި އެ ގައުމުގެ އުޅަނޑުތަކުގެ ރައްކާތެރި ކަމަށް ހުރަސް އަޅާފައި ކަމަށެވެ. އަދި ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެމެރިކާގެ މަނަވަރުތަކުން ތަކުރާރުކޮށް މި ބާވަތުގެ އަމަލުތައް ހިންގަނީ ސަރަހައްދުގެ ސުލްހަ ނަގާލަން ކަމަށެވެ.