ރޮހިންޖާ މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ

ނޭޕީޑޯ (ފެބްރުއަރީ 12) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުން ގަޔަށް ބަޑިޖަހާ މީހުން މެރި މިއަންމާ ސިފައިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.


ރޮހިންޖާ މުސްލިމުންގެ 10 މީހުން މަރާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިން ޑިންއިންނެވެ. މީހުން މެރުމަށް ފަހު ވަނީ އެއް ވަޅެއްގައި ވަޅުލައިފަ އެވެ.

"ރޮހިންޖާ މުސްލިމުން މެރި މިއަންމާގެ ސިފައިންގެ ހަތް މީހުންނާއި ތިން ފުލުހުންނާއި ބުޑިސްޓުންގެ ހަ މީހުންނާ ދެކޮޅަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ،" ސަރުކާރުގެ ތަރުޖަމާން ޒޯ ޓޭ ވިދާޅުވި އެވެ.

މިއަންމާގެ އަސްކަރިއްޔާ އިން ޖެނުއަރީ މަހު ބުނެފައި ވަނީ މަރާލާފައި ވަނިކޮށް ފެނުނު ރޮހިންޖާ 10 މީހުން ނިސްބަތް ވަނީ "ޓެރަރިސްޓުން"ގެ 200 މީހުންގެ ގްރޫޕަކަށް ކަމަށެވެ. އަދި އެ މީހުން ދިޔައީ މިއަންމާ ސިފައިންނާއި ބުޑިސްޓުންނަށް ހަމަލާ ދެމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު މުސްލިމުން ދީފައިވާ ބަޔާންތައް މުޅިން ތަފާތެވެ. ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް ހިޖުރަކުރި މުސްލިމުން ބުނެފައި ވަނީ މިއަންމާ ސިފައިންނާއި ބުޑިސްޓުން ދިޔައީ އެ މީހުންގެ އަވަށްތަކުގައި އަލިފާން ޖަހާ މީހުން މަރާ އަދި އަންހެނުން ރޭޕް ކުރަމުން ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބަންގްލަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ 690،000 އަށް އަރައިފަ އެވެ. މިއަންމާ ސިފައިންގެ އަމަލުތައް އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.