ކޮރަޕްޝަނުގެ ތުހުމަތުގައި ނަތަންޔާހޫގެ ގާތް މީހުން ހައްޔަރު ކުރަނީ

ތެލް އަވީވް (ފެބްރުއަރީ 19) - ކޮރަޕްޝަނުގެ ތުހުމަތުގައި، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅުންހުރި ގިނަ ބަޔަކު ފުލުހުން ހައްޔަރު ކުރަން ފަށައިފި އެވެ.


އިޒްރޭލުގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ބެޒެގުގެ ސީނިއާ ގިނަ މެމްބަރުންތަކެއް ހައްޔަރުކުރީ އެ ކުންފުންޏާއި ނަތަންޔާހޫއާ އޮންނަ ގުޅުންތައް ތަހުގީގު ކުރުމަށެވެ. މި ތަހުގީގުގައި ބަލަނީ ނަތަންޔާހޫ އަށް ޕޮޒިޓިވް މީޑިއާ ކަވަރޭޖް ގެނެސްދީގެން އެއް ކުންޏަށް އެއްވެސް މަންފާއެއް ވެފައިވޭތޯ އެވެ.

ނަތަންޔާހޫގެ ވަރަށް އަރިސް ފަރާތެއް ކަމަށްވާ އަދި ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝްލޮމޯ ފިލްބާގެ މައްޗަށް ވަނީ ސިއްރު ބައެއް މައުލޫމާތު ބެޒެގު ކުންފުންޏަށް ފޯރުކޮށްދިން ކަމަށް ތުހުމަތުކޮށްފަ އެވެ. ކޮރަޕްޝަނުގެ ތަހުގީގުގައި ދަނީ ބެޒެގު ކުންފުނީގެ މައިގަނޑު ހިއްސާދާރު ޝައުލް އެލޮވިޗާއި ނަތަންޔާހޫއާ އޮތް ގުޅުން ވެސް ބަލަމުންނެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން އިޒްރޭލް ފުލުހުން މިދިޔަ ހަފުތާގައި ވަނީ ލަފާދީފަ އެވެ. ނަތަންޔާހޫގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ އެންމެ ބޮޑު ތުހުމަތަކީ ވިޔަފާރިވެރިންތަކެއްގެ އަތުން ހަދިޔާ ހޯދާފައިވުމެވެ.

ނަތަންޔާހޫ ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.