ކުވޭތުގައި މަރާލި ފިލިޕީންސްގެ މެއިޑުގެ ސާހިބު މީހާ ހައްޔަރުކޮށްފި

ކުވޭތު ސިޓީ (ފެބްރުއަރީ 23) - ކުވޭތުގައި މަރާލުމަށް ފަހު ފްރީޒަރަކަށްލާފައި އޮއްވާ ފެނުނު ފިލިޕީންސްގެ މެއިޑުގެ ސާހިބެއްގެ ގޮތުގައި އުޅުނު މީހާ ލުބުނާނުން ހައްޔަރުކޮށްފި ކަމަށް ފިލިޕީންސްގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން ބުނެފި އެވެ.


ޖޮއާނާ ޑެމަފެލިސް، 29، ގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ޑެމަފެލިސްގެ ހަށިގަނޑު ފެނުނު އިރު އޮތީ އޭނާ އުޅުނު އެޕާޓްމަންޓުގެ ފްރީޒަރުގެ ތެރޭގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އެ އެޕާޓްމަންޓް ފަޅަށް ހުންނަތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޑެމަފެލިސްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ކުވޭތުގައި އޭނާ ގެންގުޅުނު ނާދިރު އީސާމް އައްސާފް ކިޔާ މީހެކެވެ. އޭނާ އަކީ ލުބުނާން މީހެކެވެ. އޭނާގެ އަންހެނުން މޯނާ އަކީ ސީރިއާ މީހެކެވެ. ޑެމަފެލިސްގެ މަރުގެ ތުހުމަތުކޮށްފައިވާ މޯނާ އުޅެނީ ފިލައިގެންނެވެ. އޭނާ މިހާރުވީ ސީރިއާގައި ކަމަށްވެ އެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް އިންޓަޕޯލުން ވެސް ވަނީ ފަށައިފަ އެވެ.

ޑެމަފެލިސްގެ މަރާ ގުޅިގެން ފިލިޕީންސްގައި ވަރަށް ބޮޑަށް އިހްތިޖާޖްކޮށް ކުވޭތަށް މެއިޑުން ފޮނުވުން ވަނީ މަނާކޮށްފަ އެވެ. އަދި ކުވޭތުގައި ހާލުގައި ޖެހިފައި ތިބި ފިލިޕީންސްގެ ހާހެއްހާ މެއިޑުން އަނބުރާ ގެނައުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އެހީތެރިވެދީފަ އެވެ. ފިލިޕީންސްގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން އަންދާޒާ ކުރާ ގޮތުގައި އެ ގައުމުގެ 252،000 މީހުން ކުވޭތުގައި މަސައްކަތް ކުރެ އެވެ.

ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ އެލަން ޕީޓާ ވިދާޅުވީ އައްސާފް ހައްޔަރު ކުރުމަކީ ޑެމަފެލިސް އަށް އިންސާފު ހޯދައިދިނުމުގައި އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އައްސާފު ކުވޭތަށް ފޮނުވައި ދިނުމަށް ލުބުނާނުގައި އެދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެމަފެލިސްގެ ހަށިގަނޑު މި މަހު ފެނުނުއިރު އޭނާގެ ހަށިގަނޑަށް ބޭރު ފެށުން ދީފައިވާ ގެއްލުންތައް ފެންނަން ހުއްޓެވެ.