ހަމަނުޖެހުންތަކުގެ ސަބަބުން ލަންކާގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް

ކޮލަމްބޯ (މާޗް 10) - ސްރީ ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން ހިންގަމުންދާ ހަމަނުޖެހުންތަކާ އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމަށް ގެއްލުންވާން ފަށައިފި އެވެ.


ލަންކާގެ ޓޫރިޒަމް ބޯޑުން ބުނަމުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް ޓޫރިސްޓުންނަށް އެ ގައުމު އަމާން ކަމަށެވެ. އެކަމަކު ހޮޓާތައް ހިންގާ ފަރާތްތަކުން ބުނަނީ ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހޮޓާ ހިންގަމުން ދިޔައީ 80 ޕަސެންޓް އޮކިއުޕެންސީގައި. އެކަމަކު މިހާރު 30 ޕަސެންޓަށް ވެއްޓިއްޖެ،" ކެންޑީގައި ހޮޓާ ހިންގާ ފަރާތަކުން ބުންޏެވެ.

ލަންކާގެ މުސްލިމުން ހުކުރު ކުރަމުން ދިޔައިރު ސިފައިންގެ މީހަކު މިސްކިތް ބޭރުގައި ފޯރިއަށް. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ 37 އަހަރުގެ ދާޚިލީ ހަނގުރާމަ އަށް ފަހު ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރި މަސައްކަތަށް، ދާދި ފަހުން ފެށި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ހުރަހެއް ކުރިމަތިވެފައިވާ ކަމަށެވެ.

ލަންކާގެ ހަނގުރާމަ ހުއްޓާލި އަހަރު، 2009 ގައި އެ ގައުމަށް ޒިޔާރަތްކުރީ ބައި މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ 2.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަސް ތެރޭ ވެސް ވަނީ ބައި މިލިއަން ޓޫރިސްޓުން ލަންކާ އަށް ޒިޔާރަތްކޮށްފަ އެވެ.

ލަންކާގެ ހަމަނުޖެހުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ޓްރޭވަލް އެޑްވައިޒަރީތައް ވެސް ނެރެފަ އެވެ. އަދި ޓޫރިސްޓުން ކެންޑީ އަށް ދަތުރު ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.