ޔުނައިޓެޑް ނޭޝަންސް (މާޗް 14) - ނޯތު ކޮރެއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސިންގަޕޫރުގެ ދެ ކުންފުންޏަކުން ނޯތު ކޮރެއާ އަށް ލަގްޒަރީ ސާމާނު ސަޕްލައިކޮށްފައިވާ ކަމަށް ލީކުވެފައިވާ އދ.ގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
މި ރިޕޯޓް މިހާރު ވަނީ ސަލާމަތީ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން އެ ރިޕޯޓް ޝާއިއު ކުރާނެ ކަމަށްވެ އެވެ.
ސިންގަޕޫރު ސަރުކާރުން ބުނެފައި ވަނީ އެ މައްސަލައިގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެ ގައުމުގެ ދެ ކުންފުންޏަކުން ގާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނާ ބުނުން ސައްހަތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނޯތު ކޮރެއާ އިން ތަކުރާރުކޮށް ނިއުކްލިއާ ޓެސްޓް ކުރުމާއި މިސައިލްތައް އުދުއްސާލާފައިވާތީ ވޭތުވެދިޔަ ދެ އަހަރު ތެރޭ ވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ދެމެދު އަންނަ މެއި މަހު ތެރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ. އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން 2006 ވަނަ އަހަރުން ފެށިގެން އެ ގައުމަށް ލަގްޒަރީ އެއްވެސް ބާވަތެއް އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފަ އެވެ.
ނޯތު ކޮރެއާ އަށް ލަގްޒަރީ ބާވަތްތައް އެކްސްޕޯޓް ކުރި ސިންގަޕޫރުގެ ދެ ކުންފުންޏަކީ އޯސީއެން އާއި ޓީ ސްޕެޝަލިސްޓް އެވެ. ދެ ކުންފުނީގައި ވެސް ތިބެނީ އެއް ޑިރެކްޓަރުންނެވެ.