ޓްރަމްޕްގެ ފަރާތުން ކިމްއަށް 'ކުރު ފިލްމެއް'

ސަންތޯސާ (ޖޫން 13) - ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ހާއްސަކޮށް ޓްރަމްޕް 'ޑައިރެކްޓްކުރައްވައި' އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން އުފެއްދި ކުރު ފިލްމެއް ދައްކަވައިފި އެވެ.


ކޮރެއާ އާއި އެމެރިކާގެ ގައުމީ ކުލަތަކާއި ދެ ލީޑަރުންގެ ބައްދަަލުކުރެއްވުމުގެ އެންމެ ފަހުގެ މަންޒަރުތައް ހިމަނައިގެން ހޮލީވުޑް ޓްރެއިލާއެއްގެ ޒާތަށް ގެނެސްދިން ގާތްގަނޑަކަށް ފަސް މިނެޓުގެ މި ކުރު ފިލްމުގައި ދައްކުވައިދެނީ އެ ބައްދަލުވުމާ ގުޅިފައިވާ ދެ ގައުމުގެ އުންމީދުތަކެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކުރި ފިލްމު ނޫސްވެރިންގެ ބައްދަލުވުންމަށް ހާޒިރުވި މީޑިއާތަކުގެ ކުރިމަތީގައި 'ޕްރިމިއާކުރެއްވުމަށް ފަހު' ޓްރަމްޕް ވިދާޅުވީ މެންދުރު ބޭއްވި މަޝްވަރާތަކުގެ ވަކި ހިސާބަކުން ކިމް އަށް ފިލްމު ދައްކާލެއްވިކަމަށާއި ވަރަށް ޝައުގުވެރިކަމާ އެކު ކިމް އެ ވީޑިއޯ ބެއްލެވި ކަމަށެވެ.

"ކޮރެއާ ބަހުންނާއި އިނގިރޭސި ބަހުން ވެސް އަޅުގަނޑުމެން މި ވީޑިއޯ ތައްޔާރުކުރިން. (ބައްދަލުވުމުގައި) އަޅުގަނޑުމެން (ވީޑިއޯ) ބެލީ އައިޕެޑަކުން" - ޑޮނަލްޑް ޓްރަމްޕް

މި ވީޑިއޯއާ ގުޅިގެން މީޑިއާތަކުން ބުނެފައިވަނީ ޓްރަމްޕް އުޅުއްވަނީ ސަމިޓުގެ ކަންކަން މާ ބޮޑަށް ގިރިޓީކޮށްގެން މީޑިއާތަކަށް ދައްކަވަން ކަމަށާއި ސަމިޓުގެ ނަތީޖާއާ އަޅާބަލާއިރު ވީޑިއޯގައި ހުރި ގިނަ ވާހަކަތަކަކީ ހިޔާލީ ފިލްމެއްގެ މަންޒަރުތަކެއް ކަމަށެވެ.

ސަމިޓާ އެކު އުންމީދީ ގިނަ ވާހަކަތަކެއް ދެ ލީޑަރުން ދުނިޔެއަށް އިއުލާނުކުރައްވާފައި ވާއިރު ދެ ގައުމުގެ ސަފީރުން މިވަގުތު އުޅުއްވަނީ އެ ބައްދަލުވުމުގެ މައުލޫމާތު އެކުވެރި ގައުމުތަކާ ހިއްސާކުރުމުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އަށް ތައްޔާރުކޮށްދެއްވި ކުރުފިލްމު - ދަ ގާޑިއަން، ޔޫޓިއުބް