2020ގެ ނިޔަލަށް ހަތިޔާރުތަކުގެ ބޮޑު ބައި ނައްތާލަން ވާނެ: އެމެރިކާ

ސޯލް (ޖޫން 13) - އުންމީދަކީ އުތުރު ކޮރެއާގެ އަތުގައި ހުރި ނިއުކުލިއާ ހަތިޔާރުތަކުގެ 'ބޮޑު ބައި' ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭ ނައްތައިލުން ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ.


އަންގާރަ ދުވަހު ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިހާރު ދެކުނު ކޮރެއާއަށް ވަޑައިގެން އުޅުއްވާ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް، މައިކް ޕޮމްޕޭއޯ ވިދާޅުވީ "ކުރިއަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ނަމަވެސް ދޮޅު އަހަރު ތެރޭގައި އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ އުންމީދު އެބަ އޮތް" ކަމަށެވެ.

އެމެރިކާއިން މިފަދަ ވިސްނުމެއް ގެންގުޅޭކަން ޕޮމްޕޭއޯ ހާމަކުރައްވާފައި މި ވަނީ އެމެރިކާގެ ރައީސާއި އުތުރު ކޮރެޔާގެ ލީޑަރުގެ ސަމިޓަށް ފަހު ގައުމަށް ވަޑައިގެން "މިހާރު ކުރިއަށް ވުރެ ބޮޑަށް ދުނިޔެ އަމާން ވެއްޖެ" ކަމަށް ވިދާޅުވެ ޓްރަމްޕް ޓުވީޓް ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ސިންގަޕޫރުގައި ދެ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމުގައި އުތުރު ކޮރެއާގެ އަތުގައި ހުރި ނިއުކުލިއާ ހަތިޔާރުތަކާއި، އެތަކެތި އުފުލަން ބޭނުންކުރާ މިސައިލުތަކާއި، ތަރައްގީކޮށްފައިވާ ނިއުކުލިއާ ޓެކްނޮލޮޖީތަކާ ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ.

ޓްރަމްޕާއި ކިމް ސޮއިކުރެއްވި އެއްބަސްވުމުގައި އެ ވާހަކަތައް ނެތީ ކީއްވެތޯ ސުވާލުކުރުމުން އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ޕޮމްޕޭއޯ ވަނީ އެ ސުވާލު ކުށްވެރިކުރައްވައިފަ އެވެ. އަދި "މަލާމާތުގެ ޒާތަށް ތާކުންތާކުނުޖެހޭ ސުވާލުތައް ކުރުން ހުއްޓައިލަން" ނޫސްވެރިންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

އެމެރިކާގެ މި ވާހަކަތަކާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ