ހަޅުތާލުގެ ސަބަބުން ލަންކާ އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮލަމްބޯ (އެޕްރީލް 3) - އެއާޕޯޓް މުވައްޒަފުން ފެށި ހަޅުތާލާ ގުޅިގެން ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.


އެއާޕޯޓުގެ އިތުރުން ކައިރި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން މިހާރު ދަނީ ރަޔަޓް ފުލުހުންނާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ބަލަހައްޓަމުން ކަމަށް އޮފިޝަލުން ބުނެ އެވެ.

ހަޅުތާލު ކުރާ މުވައްޒަފުން ބުނަނީ 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ތިން އަހަރަކުން ދަނީ މުސާރަ ބޮޑު ކުރަމުން ކަމަށެވެ. އެ ގޮތުން މި އަހަރަކީ މުސާރަ ބޮޑު ކުރަން ޖެހޭ އަހަރު ކަމަށް އެ މީހުން ބުނެ އެވެ. ނަމަވެސް މި އަހަރު މުސާރަ ބޮޑު ކުރަން ހުށަހެޅުމުން އެއާޕޯޓްތަކާ ބެހޭ މިނިސްޓަރު އެކަމާ އަޅާނުލެއްވި ކަމަށް ހަޅުތާލުގައި އިސްކޮށް އުޅޭ މީހުން ބުނެ އެވެ. މުވައްޒަފުންގެ މުސާރަ 10،000 ރުޕީސް އަށް ބޮޑު ކުރަން ޑިމާންޑް ކުރީ މުވައްޒަފުންނާއި އެއާޕޯޓް އޮފިޝަލުންނާ މަޝްވަރާކޮށްފައި ކަމަށް ވެސް އެމީހުން ބުނެ އެވެ.

އިހްތިޖާޖް ކުރާ މީހުންގެ މަންދޫބުން ބުނެފައި ވަނީ ލަންކާ އެއާޕޯޓަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ވަނީ 11 ބިލިއަން ރުޕީސް ލިބިފައި ކަމަށެވެ. މުވައްޒަފުންގެ ޑިމާންޑްތަކަށް ޖަވާބު ދިނުމަށް ވަނީ މާދަމާ ހެނދުނު 9 އަށް މުހުލަތު ދީފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ