މެލޭޝިއާގެ އާއްމު އިންތިޚާބު އަންނަ މަހު 9 ގައި

ކުއާލަ ލަމްޕޫރު (އެޕްރީލް 10) - މެލޭޝިއާގެ އާއްމު އިންތިޚާބު އަންނަ މަހު 9 ގައި ބާއްވަން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.


އިލެކްޝަން ކޮމިޝަންގެ ޗެއާމަން މުހައްމަދު ހާޝިމް އަބްދުﷲ ވިދާޅުވީ އިންތިޚާބުގެ ކުރިން ކެމްޕޭނަށް 11 ދުވަސް ލިބޭނެ ކަމަށެވެ. މެލޭޝިއާގައި އާއްމު އިންތިޚާބު އާއްމުކޮށް ބާއްވަނީ ހަފުތާ ބަންދާ ދިމާކޮށް ނަމަވެސް މި ފަހަރު އިންތިޚާބު ބާއްވަނީ ބުދަ ދުވަހު އެވެ. މިއީ ވޭތުވެދިޔަ 20 އަހަރު ތެރޭ ހަފުތާ ބަންދެއް ފިޔަވައި އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެލޭޝިއާގައި އާއްމު އިންތިޚާބު ބާއްވަން މަގު ފަހި ކުރުމުގެ ގޮތުން ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ މިދިޔަ ހަފުތާގައި ޕާލަމެންޓް އުވާލައިފަ އެވެ. އިންތިޚާބު އިއުލާންކުރި އިރު މެލޭޝިއާ ސަރުކާރުގެ މަގްބޫލްކަން ވަނީ ދަށްވެފަ އެވެ. ބޮޑު ވަޒީރު ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ އިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޖަމާކުރި މައްސަލައަށެވެ.

ނަޖީބާ ވާދަކުރަން އިދިކޮޅު ފަރާތްތައް ގުޅިގެން ނެރެން ހަމަޖައްސާފައިވާ ކެންޑިޑޭޓަކީ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ. ސިޔާސީ ކަންކަމުން ދުރުގައި ހުންނެވުމަށް ފަހު 92 އަހަރުގެ މަހާތިރު އަލުން ނުކުމެވަޑައިގަންނަވަން ޖެހުނީ ވެސް ނަޖީބުގެ ކޮރަޕްޝަން ބޮޑުވުމުން ކަމަށް ވިދާޅުވެފައިވެ އެވެ.