އާ ބޮޑުވަޒީރަކު ހޮވަން މެލޭޝިއާގެ ޕާލަމެންޓް ހޯމަ ދުވަހު ބައްދަލު ކުރަނީ

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 28) - މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މެލޭޝިއާގެ ބޮޑު ވަޒީރުގެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށް އެ ގައުމުގެ ޕާލަމެންޓުގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.


މިދިޔަ ހޯމަ ދުވަހު މަހާތިރު އިސްތިއުފާ ދެއްވީ އާ ކޯލިޝަނަކަށް ވެރިކަން ހިންގަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ބޭނުމަކީ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް ބޮޑު ވަޒީރު ކަމަށް ވަޑައިގަތުން ހުއްޓުވުމެވެ. މަހާތިރު ފަހުން ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ ތާއިދު ލިބިއްޖެ ނަމަ އަލުން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިސްތިއުފާ ދެއްވި ބޮޑު ވަޒީރު މަހާތިރު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ:އޭއެފްޕީ

އަންވަރު އިބްރާހިމް ވެސް ގެންދަވަނީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ޕާލަމެންޓުގެ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މަހާތިރު ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް އެވަރަށް އަދި ތާއީދު ނެތް ކަމަށެވެ.

ބޮޑު ވަޒީރުކަމަށް ވަޑައިގަތުމަށް މަދުވެގެން 112 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

އިސްތިއުފާ ދެއްވި ނަމަވެސް ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އުފުއްލަވާ މަހާތިރު ވިދާޅުވީ ބޮޑު ވަޒީރަކު ހޮވުމުގެ މަސައްކަތް ފެއިލްވެއްޖެ ނަމަ ދެން ޖެހޭނީ އަވަސް އިންތިޚާބެއް ބާއްވަން ކަމަށެވެ. އިންތިޚާބެއް ބާއްވާ ނަމަ މަހާތިރު ވިދާޅުވީ، އޭނާގެ ޕާޓީން ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާނީ ދާޚިލީ ވަޒީރު އަދި އޭނާގެ ގާތް އެކުވެރިޔާ މުހިޔިއްދީން ޔާސީން ކަމަށެވެ.

މުހިއްދީން ޔާސީން އާއި މަހާތިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ:ޔޫރަޕިއަން ޕްރެސް ފޮޓޯ އެޖެންސީ

އަންވަރު ވިދާޅުވީ މަހާތިރު އިސްތިއުފާ ދެއްވީ އޭނާ ނުހިމަނާ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ކަމަށެވެ. އަންވަރު ވިދާޅުވީ ނަޖީބު ރައްޒާގު ވެރިކަމުން ދުރުކުރަން އުފެއްދި ކޯލިޝަނުގެ ތެރެއިން އޭނާ އަށް "ބޭވަފާތެރިވެއްޖެ" ކަމަށެވެ.

މަހާތިރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓީ ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ. އަންވަރު ވިދާޅުވީ ނަޖީބު ވެރިކަމުން ދުރުކުރަން އުފެއްދި "ޕެކްޓް އޮފް ހޯޕް" ކޯލިޝަންގެ ތިން ޕާޓީއަކުން އޭނާ އަށް ތާއީދުކޮށްފައިވާ ކަމަށެވެ. މަހާތިރު އިސްތިއުފާ ދެއްވުމާ ހަމައަށް ވެރިކަން ކުރަމުން އައީ އެ ކޯލިޝަނުންނެވެ.

ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް އޭރު އެއްބަސްވެފައި ވަނީ ދެ އަހަރަށް ފަހު މަހާތިރު އިސްތިއުފާ ދެއްވާ ގޮތަށެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރު އިބްރާހިމަށެވެ. މަހާތިރު ވެރިކަމަށް ވަޑައިގެން މަހެއްހާ ދުވަސް ތެރޭ ވަނީ އަންވަރު، 72، އަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައި، ޖަލުން މިނިވަންކޮށްފަ އެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.