އަންވަރުގެ ތާއީދާ އެކު މަހާތިރު އަނެއްކާވެސް ބޮޑުވަޒީރު ކަމަށް

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 29) - ބޮޑު ވަޒީރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު ކުއްލިއަކަށް އިސްތިއުފާ ދެއްވުމަށް ފަހު، އަންވަރު އިބްރާހިމްގެ ތާއީދާ އެކު، އަލުން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް މަހާތިރު މުހައްމަދު މިއަދު ނިންމަވައިފި އެވެ.


އުމުރުން 94 އަހަރުގެ މަހާތިރު އިސްތިއުފާ ދެއްވުމާ އެކު އަންވަރު ވަނީ އޭނާ ނުހިމަނައި އާ ކޯލިޝަނެއް އުފެއްދުމަށް މަހާތިރު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެހެންވެ އަންވަރު ވެސް މަސައްކަތް ކުރެއްވީ އެހެން ޕާޓީތަކުގެ ތާއީދާ އެކު ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށެވެ. މަހާތިރު ވެސް ވިދާޅުވެފައި ވަނީ ޕާޓީތަކުން ތާއީދު ލިބިއްޖެ ނަމަ އަނެއްކާ ވެސް ވެރިކަމަށް ވަޑައިގަންނަވާނެ ކަަމަށެވެ.

އަންވަރު ނުހިމަނާ ކޯލިޝަނެއް އުފެއްދުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން މަހާތިރު ވަނީ އަންވަރުގެ "ޕެކްޓް އޮފް ހޯޕް" ކޯލިޝަނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ކޯލިޝަނުގެ ތާއީދު އޭނާ އަށް އޮތްކަން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ކޯލިޝަނުން ވެސް ވަނީ މަހާތިރަށް ތާއީދު ކުރާ ކަމަށް ބުނެފަ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު (ކ) އާއި އަންވަރު އިބްރާހިމް. --ފޮޓޯ:އީޕީއޭ

މަހާތިރާއި އަންވަރުގެ ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރުމަށް ފަހު އަނެއްކާވެސް އަތުގުޅާލީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޯލިޝަނުން ވެރިކަމަށް އައުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށްވެ އެވެ.

"މިއީ ރައްޔިތުންނާއި ލޮބެވެތި ގައުމަށްޓަކައި ރަނގަޅަށް ގޮތެއް ނިންމަންވީ ވަގުތު،" ކޯލިޝަނުގެ ތާއީދު މަހާތިރަށް އޮތްކަމުގެ ލިޔުން ރަސްގެފާނަށް ހަވާލުކުރުމުގެ ކުރިން އަންވަރު، 72، ޓްވީޓް ކުރެއްވި އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުކަމަށް ވަޑައިގަތުމަށް މަދުވެގެން 112 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ. މަހާތިރުގެ ޕަކަޓަން ހަރަޕާން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓީ، ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.

މިއީ ރައްޔިތުންނާއި ލޮބެވެތި ގައުމަށްޓަކައި ރަނގަޅަށް ގޮތެއް ނިންމަންވީ ވަގުތު، --އަންވަރު

އަންވަރުގެ ތާއީދާ އެކު މަހާތިރު އަނެއްކާވެސް ވެރިކަށް ވަޑައިގެންފި ނަމަ، އިސްތިއުފާ ދެއްވި އިރު އޮތް ސަރުކާރަށް ބަދަލުތައް އަންނާނެ އެވެ.

ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް 2018 ވަނަ އަހަރު އެއްބަސްވެފައި ވަނީ ދެ އަހަރަށް ފަހު މަހާތިރު އިސްތިއުފާ ދެއްވާ ގޮތަށެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރަށެވެ. މަހާތިރު ވެރިކަމަށް ވަޑައިގެން މަހެއްހާ ދުވަސް ތެރޭ ވަނީ އަންވަރަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައި، ޖަލުން މިނިވަންކޮށްފަ އެވެ.

އެކަމަކު، މަހާތިރާއި އަންވަރުގެ ސިޔާސީ ވާދަވެރިކަމަށް ބަލައި އަންވަރަށް ވެރިކަން ހަވާލުކޮށްފާނެކަމާ މެދު އޭރު ވެސް ބައެއް މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ.

އަންވަރު ވިދާޅުވެފައި ވަނީ މަހާތިރު އިސްތިއުފާ ދެއްވީ އޭނާ ނުހިމަނާ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ކަމަށެވެ. އަދި ވިދާޅުވީ ނަޖީބު ރައްޒާގު ވެރިކަމުން ދުރުކުރަން އުފެއްދި ކޯލިޝަނުގެ ތެރެއިން އޭނާ އަށް "ބޭވަފާތެރިވެއްޖެ" ކަމަށެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.