ސީރިއާ މީހަކު މެލޭޝިއާގެ އެއާޕޯޓުގައި 37 ދުވަސް ހޭދަކޮށްފި

ކުއާލަ ލަމްޕޫރު (އެޕްރީލް 13) - މެލޭޝިއާ އެއާޕޯޓުގެ ޓްރާންސިޓް ސެކްޝަނުގައި ސީރިއާ މީހަކު މަހަކަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރަން ޖެހިއްޖެ އެވެ.


ހަސަން އަލް ކަންތާރުގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ވަނީ ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް 2 ގައި އޭނާ ހުންނަން ޖެހިފައިވާތީ ޕޯސްޓް ކުރަން ފެށި ވީޑިއޯތަކަކުންނެވެ. އޭނާ ބުނެފައި ވަނީ އެ ހާލު ޖެހިފައި ވަނީ ސީރިއާގައި ފެށި ދާޚިލީ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.

ކަންތާރު ބުނެފައި ވަނީ ވޯކް ޕާމިޓް މުއްދަތު ހަމަވުމުން އޭނާ ޔޫއޭއީ އިން މެލޭޝިއާ އަށް ފޮނުވާލީ 2017 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން ކެމްބޯޑިއާ އާއި އިކުއެޑޯ އަށް ވަނުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުވެފައި ނުވާ ކަމަށް ބުންޏެވެ.

ކަންތާރުގެ މައްސަލާގައި ނޫސްވެރިން ސުވާލުތައް ހުށަހެޅި ނަމަވެސް މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން އަދި ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ވަޓްސްއަޕް މެދުވެރިކޮށް ބީބީސީއާ ވާހަކަ ދައްކަމުން ކަންތާރު ބުނެފައި ވަނީ އޭނާ އަށް ރަނގަޅަށް ފެން ނުވެރޭ ކަމަށާއި އަންނައުނު ވެސް ދާވެފައިވާ ކަމަށެވެ. ސީރިއާ ހަނގުރާމައާ ގުޅިގެން ކަންތާރުގެ ވޯކް ޕާމިޓް ޔޫއޭއީ އިން ކެންސަލްކޮށް އޭނާ މެލޭޝިއާ އަށް ޑިޕޯޓްކޮށްލުމުން ތިން މަސް ދުވަހު އެ ގައުމުގައި ހުރުމުގެ ހުއްދަ ދިން ކަމަށް ބުންޏެވެ. އަދި ފައިސާ އެއްކޮށްގެން އިކުއެޑޯ އަށް ދިއުމަށް ޓާކިޝް އެއާލައިނުން ޓިކެޓް ގަތް ނަމަވެސް އެ އެއާލައިނުން އޭނާ ދަތުރު ކުރުމުގެ ހުއްދަ ނުދިން ކަމަށް ބުންޏެވެ. އޭގެ ފަހުން އޭނާ ކެމްބޯޑިއާ އަށް ދިޔަ ނަމަވެސް އެ ގައުމަށް ވެސް އެތެރެކޮށް ނުދިން ކަމަށާއި މެލޭޝިއާ އަށް އަނބުރާ ފޮނުވާލީ މާޗް 7 ވަނަ ދުވަހު ކަމަށް ބުންޏެވެ. މެލޭޝިއާގައި ވިސާގެ މުއްދަތަށް ވުރެ އިތުރަށް އުޅެފައި ވާތީ ކަންތާރު ވަނީ ބްލެކްލިސްޓްކޮށްފައި ކަމަށާއި މެލޭޝިއާ އަށް އެތެރެވުމުގެ ހުއްދަ ދީފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކަންތާރު ބުނެފައި ވަނީ ސީރިއާ ދޫކޮށް 2006 ވަނަ އަހަރު ދިޔައީ ސިފައިންގެ ޚިދުމަތަށް ނުވަންނަން ކަމަށެވެ. އޭގެ ފަހުން އާއިލާ ދެކިލަން 2008 ވަނަ އަހަރު ސީރިއާ އަށް ދިޔަ ކަމަށް ބުންޏެވެ.

އދ.ގެ ރެފިއުޖީ ކޮމިޝަނުން ބުނެފައި ވަނީ މެލޭޝިއާ އެއާޕޯޓުގައި ހުރި ސީރިއާ މީހާގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.