އެމެރިކާ، ފްރާންސް އަދި އިނގިރޭސި ވިލާތުން ސީރިއާ އަށް ހަމަލާ ދީފި

ޔުނައިޓެޑް ސްޓޭޓްސް (އެޕްރީލް 14) - އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ވައިގެ ހަމަލާ ދީފިކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހެނދުނު އިއުލާން ކުރައްވައިފި އެވެ.


"ފްރާންސާއި އިނގިރޭސި ވިލާތް ގުޅިގެން ސީރިއާ އަށް ހަމަލާ ދޭން މިހާރު ފަށައިފިން. އަޅުގަނޑުމެން މި ތިބީ ސީރިއާ ސަރުކާރުން ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓާލަންދަން މި ހަމަލާތައް ކުރިއަށް ގެންދަން ތައްޔާރަށް،" ގައުމާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.

ސީރިއާ އަށް ވައިގެ ހަމަލާ ދޭން ފަށާފައި މި ވަނީ އެ ގައުމުގެ އިރުމަތީ ޣޫތާގެ ދޫމާގައި މިދިޔަ ހަފުތާގައި ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފުމަށެވެ.

ސީރިއާ އަށް ހަމަލާ ދޭން ފަށައިފިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވެސް ވަނީ ސީރިއާ އަށް ހަމަލާ ދިނުމުގައި އެ ގައުމުގެ ސިފައިން ބައިވެރިވާކަން ޔަގީންކޮށްދެއްވައިފަ އެވެ. އަދި އެއީ ސީރިއާގެ ވެރިކަން ބަދަލު ކުރުމަށް ދޭ ހަމަލާއެއް ނޫން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ސީރިއާ އަށް ހަމަލާ ދެނީ ހަތަރު ޓޯނޭޑޯ ޖެޓް ބޭނުންކޮށްގެންނެވެ. ހަމަލާތަކުގެ އަމާޒަކަށް ހަދައިފައި ވަނީ ހިމްސް ސިޓީއާ ކައިރީގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ސީރިއާ އަށް ދޭ ހަމަލާފައި ފްރާންސް ސިފައިން ބައިވެރިވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ޕެންޓަގަންގެ އޮފިޝަލުން ބުނީ ހަމަލާ ދެނީ ސީރިއާގެ މައިގަނޑު ތިން އަމާޒަކަށް ކަމަށެވެ. އެއީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާ އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށް ކަމަށެވެ.

ސީރިއާ ސަރުކާރު ޓީވީން ބުނެފައި ވަނީ ސަރުކާރު ސިފައިން ހަމަލާދީ ވަރަށް ގިނަ މިސައިލް ވައްޓާލާފައިވާ ކަމަށެވެ.

ސީރިއާ އަށް ހަމަލާ ދިނުމަށް ފްރާންސްގެ ހަނގުރާމަ މަތީ ބޯޓުތައް ނައްޓާލަން ތައްޔާރުވަނީ. --ފޮޓޯ:އޭއެފްޕީ

ސީރިއާ އަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބާވަތުގެ ހަމަލާތަކަށް ރައްދު ނުލިބި ނުދާނެ ކަމަށެވެ. ރަޝިޔާ އިން ކުރިން ވަނީ ސީރިއާ އަށް ހަމަލާ ދޭން ފަށައިފި ނަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޕެންޓަގަނުން ބުނީ ސީރިއާ އަށް ހަމަލާ ދޭ ތަންތަނުގެ ނޯޓިސް ރަޝިޔާ އަށް ކުރިން ދީފައި ނުވާ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެފައި ވަނީ އޮޕަރޭޝަނުގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

"މިއީ އެއްބުރުގެ ހަމަލާތަކެއް. މީގެ ބޭނުމަކީ ސީރިއާ އަށް ވަރުގަދަ މެސެޖެއް ދިނުން. ހަމަލާތަކުގެ ފުރަތަމަ ބައި މިހާރު ވަނީ ނިމިފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ސީރިއާގެ އަމާޒުތަކަށް ހަމަލާ ދޭން ބޭނުން ކުރަނީ ޓޮމަހޯކް ކްރޫޒް މިސައިލް ކަމަށެވެ.