ކެމިކަލް ހަމަލާ ދިން ތަނަށް ތަހުގީގު ޓީމު ވަނުމުގެ ހުއްދަ ދީފި

ދިމިޝްގު (އެޕްރީލް 17) - ސީރިއާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދަށް ކެމިކަލް ހަތިޔާރުގެ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ދީފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.


ކެމިކަލް ހަތިޔާރާ ބެހޭ ބައިނަލްއަގުވާމީ އިންސްޕެކްޓަރުންގެ ޓީމު ސީރިއާގައި ތިބެނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެ ޓީމު ދޫމާ އަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބަޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) ގެ ޓީމުގެ ތަހުގީގު މަސައްކަތް މި ފަށަނީ ހަމަލާ ދިންތާ 11 ދުވަސް ފަހުންނެވެ.

ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި މި މަހު 7 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ކެމިކަލް ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އިން މިދިޔަ ހޯމަ ދުވަހު ވަނީ ސީރިއާ އަށް ވައިގެ ހަމަލާތައް ދީފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ 105 މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. ސީރިއާ އިން ބުނެފައި ވަނީ 71 މިސައިލް ވައްޓާލަފައިވާ ކަމަށެވެ.

ސީރިއާ އާއި އެ ގައުމުގެ ބައިވެރިޔާ ރަޝިޔާ އިން ދަނީ ކެމިކަލް ހަމަލާ ދޮގު ކުރަމުންނެވެ. އަދި އެއީ ސީރިއާ އަށް ވައިގެ ހަމަލާ ދިނުމަށް ދެއްކި ބަހަނާއެއް ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

ސީރިއާގެ ސްޓޭޓް މީޑިއާ އިން މިއަދު ބުނީ ހުޅަނގުގެ ހިމްސް ސިޓީ އަށް ފޮނުވާލި މިސައިލް ހަމަލާއަކަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުރަސް އަޅާފައިވާ ކަމަށެވެ. މިސައިލް ހަމަލާ އަމާޒުކޮށްފައި ވަނީ ޝީރަތު ވައިގެ މަރުކަޒަށެވެ. ނަމަވެސް ހަމަލާ ދިނީ ކޮން ބައެއް ކަމެއް ބުނެފައެއް ނުވެ އެވެ.