ކެމިކަލް ހަމަލާ ދިން ސަރަހައްދަށް ވަނުމުގެ ހުއްދަ އަށް ޑަބްލިއުއެޗްއޯ އިން އެދިއްޖެ

ޔުނައިޑެޓް ނޭޝަންސް (އެޕްރީލް 11) - ސީރިއާގެ އިރުމަތީ ޣޫތާގައި ކެމިކަލް ހަމަލާ ދިން ސަރަހައްދަށް ވަނުމުގެ ހުއްދަ އަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެދިއްޖެ އެވެ.


ޑަބްލިއުއެޗްއޯ އިން ބުނީ ދޫމާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ރިޕޯޓްތައް ޔަގީން ކުރަން ބޭނުންވާ ކަމަށެވެ. ކެމިކަލްގެ އަސަރު 500 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުންކޮށްގެން ހަމަލާ ނުދޭ ކަމަށް ސީރިއާ ސަރުކާރުން ބުނެ އެވެ. އަދި ރަޝިޔާ އިން ވެސް ބުނެފައި ވަނީ އެފަދަ ހަމަލާއެއް ދިންކަމުގެ އަސަރު ދޫމާ އިން ފެންނަން ނެތް ކަމަށެވެ.

ސީރިއާގައި ކެމިކަލް ހަމަލާ ދިން މައްސަލަ އަށް ސަމާލުކަން ދިނުމަށް ޓްރަމްޕް ވަނީ ލެޓިން އެމެރިކާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ވެސް ކެންސަލް ކުރައްވައިފަ އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި މިއީ ސީރިއާ އަށް ހަމަލާ ދިނުމަށް ރާވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ. ޓްރަމްޕް ކުރިން ވަނީ ސީރިއާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތާއި ފްރާންސްއާ މަޝްވަރާ ކުރައްވައިފަ އެވެ. ފްރާންސްގެ ރައީސް ވިދާޅުވީ ވައިގެ ހަމަލާ އަމާޒު ކުރާނީ ސީރިއާގެ ކެމިކަލް ފެކްޓަރީތަކަށް ކަމަށެވެ.