ފަލަސްތީނުގެ އިމާމް މަރާލުމުގައި ބޭރުގެ އަތެއްވޭ: މެލޭޝިއާ

ކުއާލަ ލަމްޕޫރު (އެޕްރީލް 23) - މެލޭޝިއާގައި ފަލަސްތީނުގެ އިމާމް އަދި ލެކްޗަރާ ފާދީ މުހައްމަދު އަލް ބަތަޝް މަރާލުމުގެ ފަހަތުގައި ބޭރު ބަޔަކުވާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭނީ ބައިނަލްއަގުވާމީ ފެންވަރުގައި ކަމަށް ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ މަޒްލާން ލާޒިމް ވިދާޅުވެއްޖެ އެވެ.


ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މެންބަރެއް ކަމަށްވާ ބަތަޝްގެ އޮޓޮޕްސީ އިއްޔެ ވަނީ ހަދައިފަ އެވެ. އޭނާ މަރާލާފައި ވަނީ ގޮމްބަކުގައި ހުންނަ އިމާރާތުން ފައިބައިގެން ފަތިސް ނަމާދަށް ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު ބަޑިން ހަމަލާ ދީގެންނެވެ. ބަތަޝްގެ އާއިލާ އާއި ފަލަސްތީނުން ތުހުމަތު ކުރަނީ ބަތަޝް މަރާލީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުން ކަމަށެވެ.

"ބަތަޝްގެ މަރު މިދަނީ ހުރިހާ ދިމާއަކުން ވެސް ބަލަމުން. މި ތަހުގީގު ވަރަށް ފުނަން ގެންދަންޖެހޭ. ސަބަބަކީ މިއީ ބައިނަލްއަގުވާމީ މައްސަލައަކަށް ވާތީ،" ލާޒިމް ވިދާޅުވި އެވެ.

މެލޭޝިއާގައި މަރާލި ފަލަސްތީނުގެ އިމާމް ބަތަޝްގެ އަންހެނުން އީނާޝް އަލް ބަތަޝް (މ) ހޮސްޕިޓަލުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާ ފުލުހުން ބުނީ ކުށުގެ ވެށިން ލިބުނު މައުލޫމާތަށް ބަލާ ބަތަޝް އަށް އަމާޒުކޮށް 14 ވަޒަން ޖަހާފައިވާ ކަމަށެވެ. ބައެއް ވަޒަން ފާރަށް އަރާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމާސް އިން ބުނެފައި ވަނީ ބަތަޝް އަކީ ސައެންސްވެރިއެއް ކަމަށާ އަދި އޭނާ އަކީ ވަރަށް ޒުވާން ދީނީ އިލްމުވެރިއެއް ކަމަށެވެ. އޭނާގެ ޚިދުމަތް ވަރަށް ފުޅާ ކަމަށާއި ޚާއްސަކޮށް ހަކަތައިގެ ދާއިރާގައި ބައިނަލްއަގުވާމީ ފޯރަމްތަކުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ހަމާސް އިން ބުނެފައިވެ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލީބަމަން ވިދާޅުވެފައި ވަނީ ބަތަޝްގެ މަރާ އިޒްރޭލާ ގުޅުމެއް ނެތް ކަމަށާއި އެއީ ފަލަސްތީނުގެ އެތެރޭގެ ހަމަނުޖެހުމެއްގައި ހިންގާފައިވާ ކަމެއް ކަމަށެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ ބަތަޝް މަރާލުމުގައި ބޭރުގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮންނަ ޔޫރަޕުގެ ބަޔަކަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފަލަސްތީނުގެ އިލްމުވެރިޔާ މެލޭޝިއާގައި މަރާލި ސަރަހައްދު ބަންދުކޮށް ފުލުހުން ތަހުގީގު ހިންގަނީ. --ފޮޓޯ:އޭއެފްޕީ

ބަތަޝް މެލޭޝިއާގައި އުޅޭތާ 10 އަހަރު ވެއްޖެ އެވެ. އޭނާ މަރުވި އިރު އަންބަކާއި ތިން ކުދިން އެބަތިއްބެވެ. އޭނާ އަކީ މިސްކިތުގެ އިމާމެއްގެ އިތުރުން އިލެކްޓިކަލް އިންޖިނޭރިންގެ ލެކްޗަރާއެކެވެ.

މޮސާދުން 1997 ވަނަ އަހަރު ވަނީ ހަމާސްގެ ލީޑަރު ޚާލިދު މިޝާލް ޖޯޑަންގައި މަރާލަން މަސައްކަތް ކޮށްފަ އެވެ. ހަމާސްގެ ލީޑަރެއް ކަމަށްވާ މަހްމޫދު އަލް މަބޫހް ދުބާއީގެ ހޮޓަލެއްގައި 2010 ވަނަ އަހަރު މަރާލުމުގެ ތުހުމަތު ކޮށްފައި ވަނީ ވެސް މޮސާދަށެވެ. އަދި ހަމާސްގެ ޑްރޯން އެކްސްޕާޓެއް ކަމަށްވާ މުހައްމަދު އަލް ޒަވާރީ، ޑިސެމްބަރު 2016 ގައި ޓިއުނީޝިއާގައި މަރާލި މައްސަލައިގެ ތުހުމަތު ވެސް އަޅުވާފައި ވަނީ މޮސާދުގެ ބޮލުގަ އެވެ.